ޚަބަރު
ބޯހިޔާވަހިކަމަށް އެދި ހުށަހެޅި މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް އިތުރު ފުރުސަތެއް
ބޯހިޔާވަހިކަން އެންމެނަށް އިފްތިތާޙްކުރުން
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގައި ހިމެނޭ މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމައިފިއެވެ.
މިގޮތުން މަޢުލޫމާތު ޞައްޙަ ނޫންކަމަށް ފާހަގަވާ ފަރާތްތަކަށް އެކަން އެންގުމަށްފަހު، މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކޮށްދިނުމަށް 7 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށް ގެންދާއިރު، ހުށަހަޅާފައިވާ މަޢުލޫމާތުތަކާއި ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން އެ ވުޒާރާއަށް ލިބިފައިވާ މަޢުލޫމާތުތަކާ ދެމެދު އެއްވެސް ފުށުއެރުމެއްވާނަމަ، އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެ ކަމަށެވެ. އަދި ޕޯޓަލްގައި އެޕްލިކޭޝަނާ ގުޅިގެން އަންނަ ބަދަލުތަކުގެ މަޢުލޫމާތު، އެޕްލިކަންޓު ފޯމު ފުރުމުގައި ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށްވެސް ފޮނުވޭނެއެވެ.
އެ ވުޒާރާއިން ދީފައިވާ ނޯޓިސްގައިވާ މަޢުލޫމާތު ޞައްޙަ ނޫންކަމުގައިވާނަމަ، އެކަމުގެ ތަފްޞީލާއި ކަމާގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ދެވޭ 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ޖަވާބެއް ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލެވޭނެއެވެ. މީގެ އިތުރުން، އެޕްލިކޭޝަނާ ގުޅިގެން ފާހަގަކުރާ މައްސަލަތަކަށް ޖަވާބު ހުށަހެޅުމަށް ބޭނުންކުރަންވާނީ ހަމައެކަނި ބޯހިޔާވަހިކަން ޕޯޓަލް ކަމަށާއި، އީމެއިލް، ސިޓީ ނުވަތަ އެހެން ވަސީލަތަކުން ފޮނުވާ ޖަވާބުތައް ބަލައިނުގަންނާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުފުޅަކަށްވާއިރު، މިކަން ކަށަވަރުކުރުމަށް ޢިމާރާތްތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ މާކުރިން ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އިދާރީ މަސައްކަތްތައް ފަށްޓަވާފައެވެ. ކުރިން ޤާއިމުކޮށްފައިވާ ޕޯޓަލް އިތުރަށް ހަރުދަނާކޮށް، އުސޫލަށް ބަދަލުތަކެއް ގެނެސް ބޯހިޔާވަހިކަމަށް އެދުމުގެ ފުރުޞަތު މިއަހަރުގެ ޖެނުވަރީ 18 ގައި ހުޅުވާލުމުން، މުއްދަތު ހަމަވީއިރު ފްލެޓަށް އެދި 35،900 އަށްވުރެ ގިނަ އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 22،000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.