ޚަބަރު
ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަންއިން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި
ކާރު އެކްސިޑެންޓުވެފައި---
ސިނަމާލެ ބްރިޖާއި ގުޅިފައުވާ ހައިވޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން އެ އުޅަނދު ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ފުލުހުން ހިފަހައްޓައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 8:42 ހާއިރުއެވެ. ބާރު ސްޕީޑުގައި ދަތުރުކުރި އެ ކާރު ކޮންޓްރޯލް ނުވެ ގޮސް، ސޯލާ ޕެނަލްތައް ހަރުކޮށްފައިވާ ދަގަނޑު ހޮޅިދަނޑިތަކުގައި ޖެހުމާއެކު ވަނީ ކާރު ފުރޮޅިފައެވެ.
މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ތިބީ ބ. ކަމަދޫ، މިޔްނިކް، އުމުރުން 40 އަހަރުގެ ޙަސަން ރިފާޢުގެ އިތުރުން 13 އަހަރުގެ ކުޑަކުއްޖެކެވެ. ހާދިސާއަށްފަހު އެ ދެ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ފުލުހުން ހާމަކުރި ގޮތުގައި، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ނެގުމަށްފަހު ކާރުގެ ބައިތައް މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ. ނަމަވެސް، ކާރު ދުއްވި ޙަސަން ރިފާޢުގެ ޑްރައިވިންގ ލައިސަންސް މިހާރު ވަނީ ހިފަހައްޓައިފައެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.