ޚަބަރު
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ވިޔަފާރިއާއި އިގްތިސާދާ ބެހޭ ފޯރަމެއް ރާއްޖޭގައި ބާއްވަނީ
ބާސެލޯ ނަސަންދުރަ---
މޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި، އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ މި ފޯރަމް ކުރިއަށްދާނީ މި މަހުގެ 23 އިން 25 އަށް ބާސެލޯ ނަސަންދުރަ މާލެ ހޮޓަލުގައި ކަމަށެވެ. އަދި މި ފޯރަމް އިންތިޒާމުކުރަނީ ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވުޒާރާ އާއި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި އެންޓީގާ އެންޑް ބާބޫޑާގެ ސަރުކާރާއި އ.ދ.ގެ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޯ ލީސްޓް ޑިވެލޮޕްޑް، ލޭންޑްލޮކްޑް ޑިވެލޮޕިން ކަންޓަރީސް އެންޑް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އޯ.އެޗް.އާރު.އެލް.އެލް.އެސް) ގުޅިގެން ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ފޯރަމް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވެގެން ގޮސްފައި ވަނީ 2024 ވަނަ އަހަރު، އެންޓީގާ އެންޑް ބާބޫޑާގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިސްނަންގަވައި، ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް، އަދި ވަކީން ޚާޢްސަކޮށް ތަރައްޤީއަށް ބޭނުންވާ މާލީ ވަޞީލަތްތައް ހޯދުމަށް، އިތުރު މަސައްކަތްތަކެއް ކުރެއްވުމަށް ބާރުއެޅުއްވި އެޅުއްވުމުގެ ތެރެއިންން ކަމަށް އިގްތިސާދާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
2014 ވަނަ އަހަރު ބޭއްވި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތިން ވަނަ ބައިނަލްއަޤުވާމީ ބައްދަލުވުމުން ފެށިގެން ސިލްސިލާ ގޮތެއްގައި ކޮންމެ ދެ އަހަރަކުން އެއް އަހަރުން ބާއްވަމުން އަންނަ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގައި ސަރުކާރުތަކުގެ އިތުރުން، އެ ޤައުމުތަކުގެ ވިޔަފާރިތަކާއި، އިންވެސްޓަރުންނާއި، މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި ބާއްވަމުން އަންނަ ފޯރަމެކެވެ.
ރާއްޖެއިން ތަރައްޤީގެ ރޮނގުން ހޯދާފައިވާ ކާމިޔާބީތަކާއި، އެ ކަންކަމުން ލިބުނު ފިލާވަޅުތަކުގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކުގެ އުފެއްދުންތެރި މަސައްކަތްތައް ފޯރަމްގެ ބައިވެރިންނާ ހިއްސާކުރުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދެވޭނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. މިގޮތުން، ޓޫރިޒަމާއި، މަސްވެރިކަމުގެ އިތުރުން އިޔާދަކުރަނިވި ހަކަތައާއި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ރާއްޖެއިން ކުރިއަށްގެންދާ މުހިންމު މަސައްކަތްތައް ފާހަގަކޮށްދިނުމަށް އެކި ހަރަކާތްތައް ވަނީ އިންތިޒާމުކޮށްފައި ކަމަށް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.
އައިލެންޑް އިންވެސްޓްމަންޓް ފޯރަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ކޮންފަރެންސްގައި ފާސްކުރެވުނު 'އަބާސް' އެޖެންޑާގެ ދަށުން ސިލްސިލާކޮށް ކުރިއަށްގެންދަން ނިންމާފައިވާ ބައްދަލުވުމެކެވެ. މި ފޯރަމްގެ މައިގަނޑު ބޭނުމަކީ މިފަދަ ޤައުމުތަކުގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާއި ހުރަސްތައް ދެނެގަނެ، އިންވެސްޓަރުން ހޯދައި އެފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރުމެވެ. މި އަހަރުގެ ބައްދަލުވުމަކީ މި ފޯރަމް ރަސްމީކޮށް ފަށާ ފަހަރު ކަމަށްވުމާއެކު، އަމާޒު ހިފާފައިވަނީ އިންވެސްޓްމަންޓުގެ ފުރުޞަތުތަކާއި ދަތިތަކާ މެދު މަޝްވަރާކޮށް، ތަޖުރިބާތަކުގެ އަލީގައި ހައްލުތައް ހޯދުމަށެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ 30 އަށް ވުރެ ގިނަ ޤައުމަކުން 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.