ޚަބަރު
ހަނަފަސްކަމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ
މި ސަމިޓުގެ ތެރެއިން. ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
ބިން ހަލާކުވުމާއި ހަނަފަސްކަމުގެ މައްސަލަތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހައްލު ހޯދުމަށް ބާއްވާ އދ. ގެ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން" (ޔޫ.އެން.ސީ.ސީ.ޑީ) ގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް17) ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މޮންގޯލިއާގެ އުލާންބާތާރުގައި އޮގަސްޓު މަހުގެ 14 އިން 28 އަށް ބާއްވާ މި ސަމިޓުގައި ރާއްޖެ ތަމްސީލުކުރައްވަނީ ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން އަދި ސީނިއަރ ސާވެޔަރ ޢާއިޝަތު އަލްހާން ޙަމީދެވެ.
މިފަހަރުގެ ކޮޕް17 ބައްދަލުވުން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހަނަފަސްކަމާ ކުރިމަތިލުމަށް ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ. އެގޮތުން، ހަނަފަސްކަމާ ދެކޮޅަށް އެކަށައަޅާފައިވާ ޕްލޭންތައް ތަންފީޒީ މަރުހަލާއަށް ގެނައުމަށްޓަކައި، ކުރިއާލާ އިންޒާރު ލިބޭ ނިޒާމުތައް ބިނާކުރުމާއި، ރިސްކް ފައިނޭންސިންގ ހިމެނޭ ބައިނަލްއަޤްވާމީ އޮނިގަނޑަކާ މެދު މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވެމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އޭގެއިތުރުން، ދަނޑުބިންތަކާއި، ވެލިގަނޑު އަދި ވިނަބިންތައް ކުރީގެ ހާލަތަށް ގެނެސް، ބިން ހަލާކުވުން ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓަރުގެ ފަންޑިންގ އިތުރުކުރުމަށް މަންދޫބުން ބާރުއަޅަމުންދާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އަދި ހަނަފަސްކަން ދެނެގަތުމަށާއި، ފަހާއި ފެން ރަނގަޅަށް ބެލެހެއްޓުމުގެ އިތުރުން، ތިމާވެއްޓާއި މޫސުމީ އަމާޒުތަކަށް ވާސިލުވުމަށްޓަކައި ގުދުރަތީ މާހައުލުތައް އިޔާދަކުރުމުގައި ޢިލްމީ ދިރާސާތަކުގެ އަލީގައި މަސައްކަތްކުރުމަށް ވެސް މި ސަމިޓުގައި ޚާއްސަ އިސްކަމެއްދެއްވާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
Director of Knowledge Management, Research and Assessment Ahmed Shan and Senior Surveyor Aishath Alhan Hameed are currently in Ulaanbaatar, Mongolia, participating in the 17th session of the Conference of the Parties (COP17) to the United Nations Convention to Combat… pic.twitter.com/wBXpdqDxkj
— Min. of Climate Change, Environment and Energy, MV (@MoEnvmv) August 22, 2026
"ރީސްޓޯރިންގ ލޭންޑް، ރީސްޓޯރިންގ ހޯޕް" ނުވަތަ "ބިން އާރާސްތުކުރުން، އުންމީދު އާކުރުން" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓުގައި، އެހެން ކުދި ޖަޒީރާ ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން އޮތް ތައްޔާރަށްކަން ވުޒާރާއިން ވަނީ ހާމަކޮށްފައެވ އެގޮތުން، ރާއްޖޭގެ އެއްގަމާއި ތިލަފަޅުގެ ނާޒުކު ވެށި ހިމާޔަތްކުރުމަށް ޓަކައި ފުރިހަމަ ހައްލުތަކެއް ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ދިވެހި ވަފުދުން ވަނީ ދީފައި ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.