ޚަބަރު
2025 ވަނަ އަހަރުގެ ފަހު ކުއާޓަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 62 މިލިޔަން ރުފިޔާ
އެމްޓީސީސީ--
2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ)އަށް ސާފު ފައިދާގެ ގޮތުގައި 62 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކައިފިއެވެ.
އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޓެކްސް އުނިކުރުމުގެ ފަހުން ލިބުނު ސާފު ފައިދާ ވަނީ 62,817,361 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ އެ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 13,354,118 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
2025 ވަނަ އަހަރުގެ 4ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 724,445,593 ރުފިޔާއެވެ. 3 ވަނަ ކުއާޓަރުގައި ލިބުނު 501,195,980 އާއި އަޅާބަލާއިރު މިއީ 44.5 އިންސައްތައިގެ ކުރިއެރުމެކެވެ.
ހިންގުމުގެ ޚަރަދުގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 101,056,923 ރުފިޔާ ލިބިފައެވެ. މި އަދަދަކީ 3ވަނަ ކުއާޓަރުގައި ލިބިފައިވާ 29,264,051 ރުފިޔާއާ އަޅާބަލާއިރު، 245.3 އިންސައްތަ އިތުރު އަދަދެކެވެ.
ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ވަނީ ފައިދާގެ ގޮތުގައި 69,044,144 ރުފިޔާ ލިބިފައެވެ. 3ވަނަ ކުއާޓަރުގައި ލިބިފައިވަނީ،15,710,727 ރުފިޔާއެވެ. އެހެންކަމުން މިއީ 339.4 އިންސައްތަ އިތުރު އަދަދެކެވެ.
ރިޕޯޓުގައިވާ ގޮތުން އެމްޓީސީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، ކޮންސްޓްރަކްޝަން އަދި ޑްރެޖިންގް ދާއިރާއިންނެވެ. އެ ދާއިރާއިން އެމްޓީސީސީއަށް 589,461,551 ރުފިޔާ ލިބިފައިވާއިރު، ޓްރޭޑިންގ ދާއިރާއިން ވަނީ 92,079,225 ރުފިޔާ ލިބިފައެވެ. އަދި ޓްރާންސްޕޯޓް ދާއިރާއިން 38,233,553 ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފައެވެ.
2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީން ވަނީ ޖުމްލަ 479 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ބަނދަރު ހެދުމާއި، އެއާޕޯޓް ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބިންހިއްކުމާއި، މަގުހެދުމާއި، އިމާރާތްކުރުމުގެ އިތުރުން ކޯޒްވޭ ހެދުމުގެ މަޝްރޫއުތައް ހިމެނެއެވެ.
މި މަޝްރޫއުތަކުގެ ތެރެއިން އެ ކުންފުނިން ވަނީ، 301.69 މިލިއަން ރުފިޔާގެ 7 މަޝްރޫއެއްގެ މަސައްކަތް މުޅިން ނިންމާލާފައެވެ. އަދި 63 މަޝްރޫއެއްގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން އަލަށް ފަށާ 111 މަޝްރޫއެއްގެ މަސައްކަތް އެ ކުންފުންޏާއި ވަނީ ހަވާލުކުރެވިފައެވެ. މި އައު މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 1.51 ބިލިއަން ރުފިޔާއެވެ.