ޚަބަރު
މެރިކަލްޗާ ތަރައްގީކުރަން ގާނޫނުތަކަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅައިފި
މެރިކަލްޗަރ ޓްރެއިނިންގެއެއްގެ ތެރެއިން. ފޮޓޯ: ވުޒާރާ
ރާއްޖޭގައި ވަކި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗާ ތަރައްގީކުރުމަށް ފަށައިފައިވާ މަސައްކަތްތަކަށް މަގުފަހިކުރުމަށްޓަކައި، ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި މަސްވެރިކަމުގެ ގާނޫނަށް ގެނެވޭ އިސްލާހުގެ އިތުރުން، ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި އެފަދަ ތަންތަން ބޭނުންކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި ހުށަހަޅާފައިވާ ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ އައު ބިލު ހިމެނޭ ކަމަށެވެ. އެ ބިލު ގާނޫނަކަށް ވުމުން ރާއްޖޭގައި މެރިކަލްޗާ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ފަހި ގާނޫނީ މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްވެރި ސިނާއަތް ސިންދަފާތުކުރުމުގެ ގޮތުން ކުރިއަށްގެންދާ މެރިކަލްޗާ ތަރައްގީކުރުމަށްޓަކައި 6 އަތޮޅަކުން ޖުމްލަ 3,849 ހެކްޓަރުގެ 13 ޒޯނެއް މިހާރު ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގެ ދަށުން މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު، މިހާތަނަށް ބޭއްވި 6 ޕްރޮގްރާމުން 76 މީހަކު ވަނީ ތަމްރީނުކޮށްފައެވެ. ކުރިން އަހަރަކު 2 ޕްރޮގްރާމް ހިންގަން ނިންމި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއެކު މިހާރު ވަނީ އަހަރަކު 4 ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައެވެ.
މެރިކަލްޗާ ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކަށާއި މިހާރުވެސް މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހައިން މޫދުކޮށި ގަތުމުގެ މަގުފަހިކޮށްދިނުމަށް "މެރިކަލްޗަރ ސްކީމް"ގެ ނަމުގައި ހާއްސަ މާލީ އެހީގެ ސްކީމެއްވެސް ވަނީ ތައާރަފުކޮށްފައެވެ. ސަރުކާރުން މި ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 2025 ވަނަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ސިނާއީ ފެންވަރުގައި މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓުވެސް ކޮށްފައެވެ.