ޚަބަރު
ގްރީން ޓެކުހުގެ ގޮތުގައި 1.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
މީރާ. ފޮޓޯ: އިންޓަނެޓް
2026 ވަނަ އަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި 1.3 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ވަނީ 1,357,509,130 ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި މީރާއަށް ގްރީން ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 1,282,531,568 ރުފިޔާ ކަމުން މިއީ 55.8 އިންސައްތައިގެ އިތުރުވުމެކެވެ.
ގްރީން ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީވެސް ފުރަތަމަ 7 މަސް ދުވަހު ވަނީ އިތުރުވެފައި ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއަހަރުގެ ފުރަތަމަ 7 މަސް ދުވަހު ގްރީން ޓެކްސްގެ ގޮތުގައި 88,369.413 މިލިޔަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ، 83.475.479 މިލިޔަން ޑޮލަރެވެ. މިއީ 65.8 އިންސައްތައިގެ އިތުރުވުމެކެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ އެކި ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަޤްޞަދުގައި ގްރީން ޓެކްސް ތަޢާރަފުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. މި ޓެކްސް ނަގަމުންދަނީ ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތައް އަދި ފަތުރުވެރިކަމުގައި ބޭނުންކުރާ އުޅަނދުފަހަރުގައި ތިބޭ ފަތުރުވެރިންގެ އަތުންނެވެ.
މިގޮތުން ގްރީން ޓެކުހުގެ މިންވަރަކީ ރިސޯޓުތަކާއި، ހޮޓާތަކާއި ސަފާރީތަކުގައި މަޑުކުރާ ކޮންމެ ފަތުރުވެރިއަކަށް 12 ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ނަގަނީ 6 ޑޮލަރެވެ. ނަމަވެސް، ދެ އަހަރުން ދަށުގެ ތުއްތުކުދިން މި ޓެކުހުން އިސްތިސްނާވާނެއެވެ.
ގްރީން ޓެކުހުން ލިބޭ އާމްދަނީ ސަރުކާރުން ބޭނުންކުރަނީ ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ތިމާވެށި ސާފުތާހިރުކޮށް ބޭއްވުމުގެ އެކި މަޝްރޫއުތަކަށެވެ. މިއީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ އާމްދަނީއެކެވެ.