Ads by Farudhun

ޚަބަރު

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނަގާ އިސްލާހު މަޖިލީހުން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނަގާ އިސްލާހު މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖަލްސާއެއްގެ ރިޔާސަތުގައި. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޯގަސްޓު 2026، 12:47

23 އޯގަސްޓު 2026، 12:47

ޓޫރިސްޓުންނަށް ރާއްޖޭން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ އަތުން ޖީއެސްޓީ ނަގާ ގޮތަށް، ޓެކްސްއާ ބެހޭ ގާނޫނު ބަދަލުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 54 މެމްބަރުން ވޯޓު ދެއްވިއިރު، އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ. އެއީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.

މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާގައި ފާސްކުރީ ބައެއް މަފްހޫމްތައް އިތުރަށް ތަފްސީލުކުރުމަށްޓަކައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކަކާ އެކުގައެވެ.

މި ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކުރަން ފެށުމެވެ. އެގޮތުން އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، އެ ޚިދުމަތްތަކުން ޖީއެސްޓީ ނެގޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިއާއެކު ރާއްޖެއަށް ފަތުރުވެރިން ފޮނުވާ ބޭރުގެ ވިޔަފާރިތަކުން ދައުލަތަށް ޓެކްސް ލިބިގެންދާނެއެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން މިގޮތަށް ޓެކްސް ނަގަން ފެށުމުން ދައުލަތަށް އަހަރަކު ގާތްގަނޑަކަށް 1.61 ބިލިއަން ރުފިޔާ ވަންނާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. އަދި މި ބިލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450