ރިޕޯޓް
ޖަލުގައި އޮންނެވިއިރު ދެމެހެއްޓި އުސޫލު ދޫކޮށް، ވެރިކަމުގެ ދަހިވެތިކަމުގައި އެމްޑީޕީގެ ފައިބުޑަށް!
ކުރީގެ ދެ ރައީސުން އަދި ތިނަދޫ ސިޓީގެ މޭޔަރު - ފޮޓޯ: ތިނަދޫ ސިޓީ މޭޔަރު ފޭސްބުކް
ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުން މިއަދު ފެންނަމުން މިދަނީ ހައިރާންކުރުވަނިވި، އަދި އެހާމެ ލަދުވެތި މަންޒަރެކެވެ. އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި، އެންމެ ވަރުގަދައަށް ވަކާލާތުކޮށް ދަމަހައްޓަމުން އައި ސިޔާސީ އަދި ފިކުރީ އުސޫލުތައް އެއްފަރާތްކޮށް، ކުރީގެ ވާދަވެރިޔާ ކަމުގައިވާ އެމްޑީޕީގެ ފައިބުޑަށް ވެއްޓި އާދޭސްކުރާ މަންޒަރެވެ. އެއް ޒަމާނެއްގައި އެމްޑީޕީގެ ފިކުރަކީ މި ޤައުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ލީޑަރުންނާއެކު ސިޔާސީ "އެއްދާން ނުކުރުމަށް" ދިވެހި ރައްޔިތުންގެ ގާތުގައި އެންމެ އަޑުހަރުކޮށް ވަކާލާތު ކުރެއްވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު އެމްޑީޕީގެ އިސް ލީޑަރުންނާއެކު އެއް މޭޒަކުން ފަރިއްކުޅުއްވަން ފެއްޓެވުމަކީ ދިވެހި ރައްޔިތުން ރައީސް ޔާމީންއަށް މަލާމާތް ކުރާނެކަމެކެވެ.
ތިނަދޫ ސިޓީ އަލުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާތަކުން ފެނިގެންދިޔައީ އާދަޔާޚިލާފު މަންޒަރެކެވެ. ކުރީގެ ރައީސް ޔާމީނާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި އެމްޑީޕީގެ އިސް ބޭފުޅުން އެކުގައި، ހިނިވަރުނަކުރައްވަމުން ފޮޓޯ ނަންގަވަން ތިއްބެވި މަންޒަރެވެ. އެ ބޭފުޅުން އެކުވެރިކަން ދައްކަން މަސައްކަތް ކުރެއްވި ނަމަވެސް، މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކަށް ބަލައި ދިވެހި ރައްޔިތުން ސުވާލު އުފެއްދިއެވެ؛ ތެލާއި ފެން އެއްވާނެ ހެއްޔެވެ؟ މި ކުޅެނީ މާ އެކުވެރި، ހެޔޮއެދޭ ބަޔަކަށް ވެގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކުޅޭ ސިޔާސީ ޑްރާމާއެކެވެ. ރައީސް ނަޝީދަކީ ޑްރާމާ ކުޅުމުގައި ކުޅަދާނަ އެކްޓަރެއް ކަމުން، އެމަނިކުފާނުގެ މަޤްޞަދު ޙާޞިލުވީ ކަމަށް ހީވެދާނެއެވެ. ނަމަވެސް ރައީސް ޔާމީނަކީ އަމިއްލަ އެދުމުން ފޯވެފައިވާ ބޭފުޅަކަށް ވާތީ، މިވަގުތު މަޑުން ހުންނެވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަމިއްލަ "ސިޓިންގ ރޫމް" ބައްދަލުވުންތަކުގައި ނަޝީދާއި އެމްޑީޕީއަށް އަނެއްކާވެސް ބަހުގެ ހޫނު ހަމަލާތައް ފޮނުވާލާނެކަން ކަށަވަރެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ފާހަގަކުރެއްވި ފަދައިން، ބިނާކުރަނިވި ފިކުރުގެ ޤައުމީ ލީޑަރަކަށް ވުމުގެ މައިގަނޑު ޝަރުތަކީ އެމްޑީޕީގެ ލީޑަރުންނާއެކު ސިޔާސީ ގޮތުން އެއްދާން ނުކުރުން ކަމަށް ތަކުރާރުކޮށް ވިދާޅުވީ ޚުދު ޔާމީނެވެ. ޕީޕީއެމްގެ ތެރެއިން އެ ޕާޓީގެ އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ބޭރުކޮށްލަން ޔާމީން ދެއްކެވި އެންމެ ބޮޑު ހުއްޖަތަކީވެސް ރައީސް މައުމޫން އެމްޑީޕީއާއެކު ގުޅުން ބޭއްވެވި ކަމަށް ބުނި ވާހަކައެވެ. މީގެއިތުރުން، ރައީސް ޔާމީން ޖަލުގައި އޮންނެވި ދުވަސްވަރު، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނަވައިގެން، އޭރުގެ އެމްޑީޕީ ސަރުކާރުން ދިން އެއްވެސް ދަޢުވަތެއް ޤަބޫލުނުކުރެއްވީ ޔާމީނަށް ލިބެމުންދިޔަ އަނިޔާއާ ދެކޮޅަށް އުސޫލުގައި ސާބިތުވެ ހުންނެވުމަށެވެ.
ނަމަވެސް، މިއަދު ވެރިކަމުގެ ބާރު ގެއްލުމާއެކު، އެ ހުރިހާ އަނިޔާއަކާއި ގަބޫލުކުރި އުސޫލުތައް އެއްލާލައި، އެމްޑީޕީއާއެކު އިއްތިހާދުވުމަކީ "ޤައުމީ ވާޖިބެއް" ކަމަށް ހައްދަވައިގެން ޔާމީން ދައްކަވަނީ އަމިއްލަ އެދުމުގެ އިންތިހާއެވެ. އެމްޑީޕީގެ ވެރިކަމުގައި ޔާމީން ޖަލަށް ލީ ދުވަހު ނަޝީދު ހުންނެވީ ކޮންތާކު ހެއްޔެވެ؟ ކުޑަމިނުން ސިޔާސީ ހައްގުތަކުގެ ވާހަކަ ދައްކާ ޕާޓީން ޔާމީންގެ ހައްގުގައި ބަހެއް ބުނެލި ހެއްޔެވެ؟ ހަމައެއާއެކު، ރައީސް ނަޝީދު ޖަލަށްލައި ޙުކުމްކުރީވެސް ހަމަ ޔާމީންގެ ވެރިކަމުގައެވެ. ނަޝީދު ފުރައިގެން ރާއްޖެއިން ބޭރުގައި ފިލައިގެން ހުންނެވި ދުވަސްވަރު، އެމަނިކުފާނަށް އެންމެ ބޮޑަށް މަލާމާތްކޮށް، ޖަލްސާއެއް ވިއްޔާ "ގޮނޑި ދުއްވި" ވާހަކަ ދައްކަވައި ޖޯކު ޖެއްސެވީވެސް ޔާމީނެވެ. މިއީ ތާރީޚުން ފޮހެލެވޭނެ ހަގީގަތްތަކެއް ނޫނެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ 54 އިންސައްތައިގެ ބޮޑު އަޣުލަބިއްޔަތަކުން ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް އިންތިޚާބު ކުރުމުން، ވެރިކަމުގެ ބާރުތައް އަމިއްލަ މުށުތެރޭގައި ނުބޭއްވިގެން ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވައި ޕީއެންއެފްގެ ނަމުގައި އައު ޕާޓީއެއް އުފައްދަވާފައެވެ. އަދި އޭގެ ފަހުން، ޔާމީނާއި ނަޝީދު އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެއް މޭޒަކަށް އެއްވެ، ރަސްމީކުރި "ތަބީޢީ ނޫން އިއްތިހާދަކީ" ރައީސް ޑރ. މުޢިއްޒު ސިފަކުރެއްވި ފަދައިން، "އެކަކު އަނެކަކުގެ ކަރުގައި ހިފައި، ބުރަކައްޓަށް ވަޅިޖަހަމުންދާ ނާކާމިޔާބު ލީޑަރުންގެ އެއްވުމެކެވެ." ދިވެހި ރައްޔިތުން ވަނީ މި އިއްތިހާދުގެ ހަގީގަތް ދެނެގަނެ، ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ޕީއެންސީއަށް ދީ، މި ލީޑަރުންނަށް ސިޔާސީ ގޮތުން ފުރިހަމަ ޖަވާބެއް ދީފައެވެ.
އިދިކޮޅު ފަރާތްތަކުން އެއްވެސް އުސޫލެއް ހަމައެއް ނެތި ސިޔާސީ ކުޅިވަރުތައް ކުޅެ، ހުސް ބަޔާންތައް ނެރެމުންދާއިރު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ދަނީ ފެންނަންހުރި ބޮޑެތި އިޤްތިޞާދީ އަދި ތަރައްޤީގެ ޢަމަލީ ނަތީޖާތަކެއް ޤައުމަށް ހޯދައިދެމުންނެވެ:
ދައުލަތުގެ ރަސްމީ ރިޒާވް ވަނީ ރާއްޖޭގެ ތާރީޚުގައި ވެސް ނުދެކޭ މިންވަރަށް، 1.13 ބިލިއަން ޔޫއެސް ޑޮލަރަށް ވުރެ މައްޗަށް ޖައްސައި، މާލީ ރައްކާތެރިކަން ކަށަވަރުކޮށްފައެވެ. ހަމައެއާއެކު އެއްވެސް މިންވަރަކަށް ފައިސާ ޗާޕުނުކޮށް، ވޭތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން ގާތްގަނޑަކަށް 1 ބިލިއަން ޔޫއެސް ޑޮލަރު (ސުކޫކް ފައިސާ ހިމެނޭހެން) ވަނީ ދައްކައި، ދަރަންޏަށް ރަހުނުކޮށްފައި ހުރި ދައުލަތުގެ އަގުހުރި މުދާތައް އަނބުރާ ހޯދާފައެވެ.
2025 ވަނަ އަހަރުގެ ބަޖެޓަކީ އިތުރު ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ހިންގައި، ބަޖެޓު ޑެފިސިޓް އިންތިހާއަށް ކުޑަކޮށް، ބައެއް މަސްމަހު ދައުލަތުގެ އާމްދަނީ ސާޕްލަސް ރެކޯޑުކުރެވުނު ކާމިޔާބު ބަޖެޓެކެވެ.
2025 ވަނަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ގެނައުމުގެ ލަނޑުދަނޑި ހާސިލުކުރުމާއި، ތިނަދޫގެ މަގުހެދުމާއި، ހައުސިންގ ޔުނިޓްތަކުގެ މަސައްކަތާއި، ގޭސް ހަބް އަދި މަސްވެރިންނަށް ގަވާއިދުން ފައިސާ ދިނުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ބާރަށް ކުރިއަށް އެބަދެއެވެ.
ހަޤީޤަތަކީ މިއަދު ދިވެހި ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހޭލައެވެ. ޖަލުގައި އޮންނެވި ދުވަސްވަރު އަމިއްލަ ސަޕޯޓަރުން ލައްވައި ދެއްކެވި ހަރުދަނާ އުސޫލުތައް ފަސްއަޅައި ފޮރުވާލައި، ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމާއި ބާރުގެ ބޭނުމުގައި އެމްޑީޕީގެ ފައިބުޑަށް ވެއްޓުނު ލީޑަރުންގެ އެއްވެސް އިޚްލާޞްތެރިކަމެއް ނެތްކަން މިއަދު ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނި ހާމަވެއްޖެއެވެ. ސިޔާސީ ސްޓޭޖްތަކުގައި ދައްކާ ފޮޓޯތަކާއި، ދައްކާ ފޫނެއް ފަޔަށް ފެންފުރުމުގެ ހުސް ވާހަކަތަކަށްވުރެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ޤައުމަށް ގެނެސްދެމުންދާ ޙަޤީޤީ ތަރައްޤީއާއި އިޤްތިޞާދީ ހަމަޖެހުމުގެ އަޑު މާ ގަދަވެފައި ބާރުގަދައެވެ.