ޚަބަރު
ސަރުކާރުގެ ސިޔާސަތުތަކާއެކު ރާއްޖެއަކީ އިންވެސްޓްމަންޓުގެ މަގުބޫލު މަންޒިލެއް: ވަޒީރު ސަޢީދު
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ސަރުކާރުން ކުރައްވަމުން ގެންދަވާ ހަރުދަނާ މަސައްކަތްތަކާއެކު، ބައިނަލްއަޤްވާމީ އިންވެސްޓްމަންޓުގެ ބާޒާރުގައި ރާއްޖެއަކީ މިހާރު މަގުބޫލު މަންޒިލެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ފޯރަމްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދަރަޖައަށް ރާއްޖެއަށް ވާސިލްވެވުނީ ތަރައްޤީއަށް އިސްކަންދޭ ހަރުދަނާ ސިޔާސަތުތަކުގައި ދެމިތިބުމުގެ ސަބަބުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން ރާއްޖެއިން މިހާރު މަސައްކަތް ކުރަމުންދަނީ ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖަ ހާސިލުކުރުމަށް ކަމަށާއި، މި ދަތުރުގައި އިންވެސްޓަރުންނަކީ ނުހަނު މުހިންމު ބައިވެރިއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ފާއިތުވި 45 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިސްލާޙުކުރެވުނު އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިއީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ސާފު އަދި އިތުބާރު ހުރި އޮނިގަނޑެއް ފަހިކޮށްދޭނެ ޤާނޫނެއް ކަމަށެވެ. އަދި މި ޤާނޫނުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް އިންވެސްޓްމަންޓުގެ ދާއިރާގައި ވާދަކުރުމާއި ބައިވެރިވުމުގެ ފުރުޞަތު ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމެނޭހެން، ދިވެހި ވިޔަފާރިތަކަށް ވާދަކުރުމާއި، ބައިވެރިވުމާއި އަދި ކުރިއެރުމުގެ ފުރުޞަތު އޮތުމަކީ އަޅުގަނޑުމެންގެ ސާފު ސިޔާސަތެއް. އެހެންކަމުން، ސީދާ ބޭރުގެ އިންވެސްޓްމަންޓްތަކަކީ ޤައުމީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި މަރުޙަބާ ކިޔާކަމެއް. ހާއްޞަކޮށް ޑިޖިޓަލް އިގުތިޞާދާއި، މާލީ ޚިދުމަތްތަކާއި، އިއާދަކުރަނިވި ހަކަތައާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ޞިއްޙަތު އަދި ތަޢުލީމީ ދާއިރާއިން. އަދި އިންވެސްޓްމަންޓްތަކުގެ ފައިދާ އަޅުގަނޑުމެންގެ އަމިއްލަ ރައްޔިތުންނަށް ވާސިލުވާންޖެހޭ.
ވަޒީރު
މީގެއިތުރުން، ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ލިބިފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކަކީ ރާއްޖެއާމެދު އޮތް އިތުބާރު ހާމަކޮށްދޭ ކަންކަން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ގޫގުލްއިން އިންޑިއާ ކަނޑު ހުރަސްކޮށް އަޅާ "ދިވަރު" ސަބްމެރިން ކޭބަލް މަޝްރޫޢު އަދި ނޫނު އަތޮޅުގައި ހިންގާ "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" ފަދަ މަޝްރޫޢުތަކަކީ ރާއްޖޭގެ ތާރީޚުގައި އަމިއްލަ ފަރާތްތަކުން ކޮށްފައިވާ އެންމެ ބޮޑެތި އިންވެސްޓްމަންޓުތައް ކަމަށާއި، މިފަދަ ކަންކަމުން ރާއްޖޭގެ އިޤްތިޞާދަށް އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު ސާބިތުވާ ކަމަށް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑްތަކުން ރާއްޖޭގައި ޚިދުމަތް ފުޅާކުރުމަކީ ފަތުރުވެރިކަމުގެ ދުރު މުސްތަޤްބަލަށް އޮތް ޔަޤީންކަމެއް ކަމުގައި ސިފަކުރެއްވިއެވެ. އަދި ޖަޒީރާ ޤައުމުތަކަށް ބައިނަލްއަޤްވާމީ އިންވެސްޓްމަންޓްތައް ގެނައުމަށްޓަކައި ޤާނޫނީ އޮނިގަނޑުތައް ހަރުދަނާކޮށް، ދެފުށްފެންނަ ގޮތަށް ކަންކަން ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުދި ޖަޒީރާ ޤައުމުތަކުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް، އިންވެސްޓަރުންނާ ވާހަކަދެއްކުމުގައި އެއް އަޑަކުން ވާހަކަދެއްކުމަށް ވަޒީރު ސަޢީދު ވަނީ ގޮވާލައްވާފައެވެ.