Ads by Farudhun

ޚަބަރު

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކުރަން ބިން ހަވާލުކުރަން ސޮއިކޮށްފި

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކުރަން ބިން ހަވާލުކުރަން ސޮއިކޮށްފި

އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކެޕްޓަން ހުސެއިން ޝަފީޤް އަދި އުލިގަމު ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދު ފޮޓޯ:އެމްޕީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޯގަސްޓު 2026، 07:08

23 އޯގަސްޓު 2026، 07:08

ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ ބިން ހޯދުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އުލިގަމު ކައުންސިލާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ކެޕްޓަން ހުސެއިން ޝަފީޤެވެ. އަދި އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، އެ ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދެވެ.

މި މަޝްރޫއާ ގުޅޭގޮތުން  އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީޤު ވިދާޅުވީ، ޔޮޓު މެރީނާ ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މި ހިނގާ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީގައި މިތަން ކުޑަކޮށް ތަރައްޤީކުރި ނަމަވެސް، މުސްތަޤުބަލުގައި މި މަޝްރޫއު އިތުރަށް ފުޅާވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހެދޭ ޔޮޓް މެރީނާގައި ގާތްގަނޑަކަށް 18 ޔޮޓުގެ ޖާގަ ހިމެނޭނީ، ވަރަށް ސްމޯލް ސްކޭލްގައި މި ފަށަނީ. އެހެން ނަމަވެސް މި މަޝްރޫއު އިތުރަށް ފުޅާވެގެންދާނެ. އަޅުގަނޑުމެންގެ އުއްމީދަކީ މިތަން ދުނިޔޭގެ ފެންވަރުގެ ތަނަކަށް ވެގެންދިއުން

      ކެޕްޓަން ޝަފީޤު 

އުލިގަމު ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދު ވިދާޅުވީ، އުލިގަމަކީ ޒަމާނުއްސުރެ ގިނަ އަދަދަކަށް ބޭރުގެ ޔޮޓުފަހަރު ޒިޔާރަތްކުރަމުންދާ ރަށެއް ނަމަވެސް، މެރިޓައިމް ދާއިރާއިން އެ އުޅަނދުފަހަރަށް އެކަށީގެންވާ ޚިދުމަތްތަކެއް ދެވޭނެ އިންތިޒާމެއް މިހާތަނަށް ޤާއިމުވެފައި ނެތް ކަމަށެވެ. އަދި މިފަދަ މެރީނާއެއް ޤާއިމުވުމަކީ ރަށުގެ ރައްޔިތުން ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މެރީނާ ހެދިއްޖެ ކަމަށްވާނަމަ ރަށުގެ އިޤްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އަދި ބޭރު ފައިސާއިން ލިބޭ އާމްދަނީ ރަށަށް ވަންނާނެ ވަރަށް ބޮޑު މަގަކަށް މިކަން ވެގެންދާނެ

      ކައުންސިލްގެ ރައީސް 

ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. އުލިގަމަކީ، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ މައި މަގުތަކާ ވަރަށް ކައިރީގައި އޮންނަ ޖިއޮގްރަފީ ގޮތުން މުހިންމު ރަށެކެވެ. އެހެންކަމުން، މި ރަށުގައި ޔޮޓު މެރީނާއެއް ޤާއިމުކުރުމަކީ ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު އިންގިލާބީ ކުރިއެރުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450