Ads by Farudhun

ޚަބަރު

ތިލަމާލެ ބުރިޖު މަޝްރޫޢުގެ 76 އިންސައްތަ މަސައްކަތް ނިންމާލައިފި

ތިލަމާލެ ބުރިޖު މަޝްރޫޢުގެ 76 އިންސައްތަ މަސައްކަތް ނިންމާލައިފި

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިޔަށްދަނީ / ފޮޓޯ: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

23 އޯގަސްޓު 2026، 08:24

23 އޯގަސްޓު 2026، 08:24

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ 76 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބުރިޖުގެ ޑެކަށް ބޭނުންވާ ސެގްމެންޓުތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. މިގޮތުން ބުރިޖުގެ ޑެކަށް ބޭނުންވާ ޖުމްލަ 1،222 ސެގްމެންޓުގެ ތެރެއިން 95 އިންސައްތަ ސެގްމެންޓް މިހާރު ވަނީ ކާސްޓުކޮށް ނިމިފައެވެ. އަދި މީގެ ތެރެއިން 82 އިންސައްތަ ސެގްމެންޓް މިހާރު ވަނީ ކާމިޔާބުކަމާއެކު އިންސްޓޯލްކޮށް ނިންމާލެވިފައެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގައި، މި ރަށްތައް ހުރަސްކުރާނީ ޒަމާނީ ހައިވޭތަކަކުންނެވެ. މިގޮތުން ހައިވޭތައް ހެދުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ގުޅިފަޅުގައި ބުރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތާއި، ތިލަފުށީގައި ބުރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިނުގައި ޖުމްލަ 6.7 ކިލޯމީޓަރު ހުންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މަޝްރޫޢު ނިންމުމަށް ޚާއްޞަ އިސްކަމެއް ދެއްވާއިރު، މި މަޝްރޫޢަށް ގާތްގަނޑަކަށް 500 މިލިޔަން ޑޮލަރު (7 ބިލިޔަނަށްވުރެ ގިނަ ދިވެހި ރުފިޔާ) ޚަރަދުވާނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދެއްވާފައިވާ 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީ (ގްރާންޓް) އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. މީގެ އިތުރުން މި މަޝްރޫޢަށް ދިވެހި ސަރުކާރުގެ ބަޖެޓުންވެސް ފައިސާ ޚަރަދުކުރެއެވެ.

މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ އިޤްތިޞާދީ ޙަރަކާތްތައް ފުޅާކޮށް، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު އިންޤިލާބީ ބަދަލެއް ގެނުވާނެ މުހިންމު މަޝްރޫޢެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450