Ads by Farudhun

ޚަބަރު

ބޭރު ފައިސާއާ ބެހޭ ޤާނޫނު ތަންފީޒުކުރުމަށް އެމްއެމްއޭއިން ސަރުކާރުގެ އެހީއަށް އެދިއްޖެ

ބޭރު ފައިސާއާ ބެހޭ ޤާނޫނު ތަންފީޒުކުރުމަށް އެމްއެމްއޭއިން ސަރުކާރުގެ އެހީއަށް އެދިއްޖެ

ގަވަރުނަރު މުނައްވަރު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 އޯގަސްޓު 2026، 01:35

24 އޯގަސްޓު 2026، 01:35

ބޭރު ފައިސާއާ ބެހޭ ޤާނޫނު ތަންފީޒުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޑޮލަރުގެ ބާޒާރަށް ވަގުތީ ހީނަރުކަމެއް އައި ނަމަވެސް، ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލެން ދިމާވި ސަބަބުތައް ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ ހަރަކާތްތައް ބެލިބެލުމުން ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ފަރާތްތަކެއް ތިބިކަން ފާހަގަކުރެވިފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި މިކަން އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ގަވަރުނަރު ވަނީ ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.

ޑޮލަރުގެ ކަޅު ބާޒާރުގައި ވަރަށް ބޮޑު އިންސައްތައެއް ދައުރުކުރަމުންދާކަމަށް މި ފާހަގަކުރެވުނީ ބޭރު ފައިސާ މާރުކުރާ ފަރާތްތައް މެދުވެރިކޮށް މިގޮތަށް ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް، އެހެންވީމަ މި މަސައްކަތުގައި ތަންފީޒީ އިދާރާތަކަށް ހާއްސަކޮށް ސަރުކާރަށް އަޅުގަނޑުމެން ދަންނަވާފައިވާނެ ގާނޫނު ތަންފީޒުކުރުމަށް މިކަމަށް ބޭނުންވާ ތަހުގީގުތައް ކުރިއަށްގެންދިއުމަށް.

ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ހިންގާތީ އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ ލައިސަންސް މިހާރު ބާތިލުކޮށް، އެތަން ބަންދުކޮށްފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މީގެ އިތުރުން ބޭރު ފައިސާގެ ގަވާއިދާ އެއްގޮތަށް އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައި ނުވާ ދެ ރިސޯޓަކަށް ފިޔަވަޅު އަޅައި، އެ ފަރާތްތަކުގެ ނަންތައް އިއްޔެ ވަނީ އާންމުކޮށްފައެވެ.

އެމްއެމްއޭއިން އާންމުކުރި ކޮމްޕްލަޔަންސް ރިޕޯޓަށް ބަލާއިރު، ރިސޯޓުތަކުގެ 78 އިންސައްތަ ތަންތަނުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންދެއެވެ. ނަމަވެސް 20 އިންސައްތަ ރިސޯޓުން އެކަށީގެންވާ ވަރަށް ޑޮލަރު މާރުކޮށްފައި ނުވާއިރު، އެ ރިސޯޓުތަކުން ވަނީ ލުއި ދިނުމަށް އެދިފައެވެ. އަދި ކެޓަގަރީ ބީގައި ހިމެނޭ ގެސްޓްހައުސްތަކާއި ހޮޓާ އަދި ސަފާރީތަކުގެ ތެރެއިން ގަވާއިދަށް ފުރިހަމައަށް އަމަލުކުރަނީ 48 އިންސައްތަ ތަންތަނެވެ. މި ކެޓަގަރީގެ 37 އިންސައްތަ ވިޔަފާރިން އެއްވެސް ވަރަކަށް ޑޮލަރު މާރުކޮށްފައެއް ނުވެއެވެ. އަހަރަކު 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ކެޓަގަރީ ސީގެ 38 އިންސައްތަ ތަނުން ފައިސާ މާރުކުރި ނަމަވެސް، 29 އިންސައްތަ ތަނުން އެއްވެސް ވަރަކަށް ފައިސާ މާރުކޮށްފައެއް ނުވެއެވެ.

ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ލިބޭ އަދި މީރާގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަކުން ވެސް ލިބޭ އާމްދަނީ ބޭންކަށް ޖަމާކުރަން ލާޒިމުވެއެވެ. އެގޮތުން ގްރީން ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ރިސޯޓުތަކާއި ސަފާރީތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކުން ބޮލަކަށް 25 ޑޮލަރު ބޭންކުތަކަށް މާރުކުރަންޖެހެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450