ރިޕޯޓް

އިޤްތިޞާދީ ހަމަޖެހުމާއި ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށް އެމް.އެމް.އޭ އިން އެޅި މުހިންމު ފިޔަވަޅުތައް

އިޤްތިޞާދީ ހަމަޖެހުމާއި ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށް އެމް.އެމް.އޭ އިން އެޅި މުހިންމު ފިޔަވަޅުތައް

މަޒުކަޒީ ބޭންކް އެމްއެމްއޭ - ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

24 އޯގަސްޓު 2026، 03:40

24 އޯގަސްޓު 2026، 03:40

ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަން ދަމަހައްޓައި، ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަކީ ޤައުމުގެ މާލީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެކެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ވަނީ އޮގަސްޓް 2025 އިން އޮގަސްޓް 2026 ގެ ނިޔަލަށް ވަރަށް ހަރުދަނާ އަދި ސްޓްރެޓީޖިކް މަނިޓަރީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި ފިޔަވަޅުތަކުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަމައަކަށް އަޅުވައި، ދިވެހި ވިޔަފާރިތަކަށާއި ޢާންމު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުނަނުދީ ހިފެހެއްޓުމަށާއި، ބޭރު ފައިސާ ލިބުމުގައި ދިމާވާ ދަތިތަކަށް ލުއި ހޯދައިދިނުމަށް އެމް.އެމް.އޭ އިން މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ. އެގޮތުން، ރަމަޟާން މަހު ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު ވަނީ 32 އިންސައްތަ އިތުރުކޮށްފައެވެ. އަދި ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބާޒާރަށް ދިމާވާ ޑޮލަރުގެ ދަތިކަން ކުޑަކުރުމަށް ހަފްތާއަކު ވިއްކާ ބޭރު ފައިސާގެ އަދަދު 26 އިންސައްތަ އިތުރުކޮށްފައިވެއެވެ.

މީގެއިތުރުން، އިމްޕޯޓް ވިޔަފާރިތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ޢާންމު މިންވަރަށްވުރެ 51 އިންސައްތަ އިތުރަށް ޑޮލަރު ދޫކުރަން ވަނީ ފަށާފައެވެ. އަދި އިޖުތިމާޢީ މުހިންމު ކަމެއްގެ ގޮތުގައި، ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ވިސާ ފީ ދެއްކުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޑޮލަރު ލިބޭނެ ޚާއްޞަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސައިދީފައެވެ.

ބޭރު ފައިސާ ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ދެފުށްފެންނަކަން ކަށަވަރުކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ގުޅިގެން ޚާއްޞަ ވެރިފިކޭޝަން ސިސްޓަމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މި ނިޒާމުގެ ސަބަބުން އެތެރެކުރާ މުދަލުގެ އަގުތަކާއި ދޫކުރެވޭ ބޭރު ފައިސާގެ ހިސާބުތައް ޞައްޙަކަމާއެކު ބެލެހެއްޓިގެންދާނެއެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ވެސް މުހިންމު ފިޔަވަޅުތަކެއް ވަނީ އެޅިފައެވެ. މިގޮތުން އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީ އެއްކޮށް އަނބުރާ ދެއްކުމަށްފަހު، 30 ބިލިއަން އިންޑިއަން ރުޕީސްގެ އައު ކަރަންސީ ސްވޮޕެއް ވަނީ  ނަގާފައެވެ. ހަމައެއާއެކު، ބާޒާރުގައި ދައުރުވާ ދިވެހި ފައިސާގެ މިންވަރު މެނޭޖްކުރުމަށްޓަކައި އޯޕަން މާކެޓް އޮޕަރޭޝަންސް  ތަކުގެ ރޭޓްތައް މަތިކޮށް، ދިވެހި ފައިސާގެ މިނިމަމް ރިޒަރވް ރިކުއަރމަންޓް މަރުޙަލާތަކަކަށް ބަހާލައިގެން މަތިކުރުމުގެ މަސައްކަތްވެސް ދަނީ ތަންފީޒުވަމުންނެވެ.

ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި މަނީ ޗޭންޖިންގ ވިޔަފާރިތައް ރެގިއުލޭޓްކުރުން
މާލީ ދާއިރާގެ ޤާނޫނީ އޮނިގަނޑު ޒަމާނާ އެއްގޮތަށް ބަދަލުކުރުމަށްޓަކައި ބޭރު ފައިސާއާބެހޭ ޤާނޫނަށް އިޞްލާޙު ހުށަހެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެއިތުރުން، މަނީ ޗޭންޖިންގ ވިޔަފާރިތަކަށް އައު ހަރުދަނާ ޤަވާއިދެއް އެކުލަވާލައި، ޤަވާޢިދާ ޚިލާފުވި ފަރާތްތަކުގެ ލައިސަންސް ވަނީ ބާޠިލުކޮށްފައެވެ. މިހާރު މި ޚިދުމަތް ދިނުމުގެ ހުއްދަ ދީފައިވަނީ ޤަވާޢިދަށް ފުރިހަމައަށް ބޯލަނބާ 58 ފަރާތަކަށެވެ. އެމް.އެމް.އޭ އާއި ސަރުކާރު ގުޅިގެން އެޅި މި ފިޔަވަޅުތަކުގެ ސަބަބުން، މާލީ ނިޒާމަށް އޮތް އިތުބާރު ބޮޑުވެ، ބޭރު ފައިސާގެ ކަޅުބާޒާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެން ގޮސްފައިވެއެވެ.

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އެމް.އެމް.އޭ އަށް މާރުކުރާ ޑޮލަރުގެ އިންސައްތަ އިތުރުކުރުމަކީ އިޤްތިޞާދަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެމް.އެމް.އޭ އަށް މާރުކުރެވޭ ޑޮލަރުގެ ބޮޑު ބައެއް ބޭންކުތަކަށް އަނބުރާ ދޫކުރެވެނީ ޤައުމުގެ އެންމެ ޒަރޫރީ ބޭނުންތަކަށެވެ. 

މިފަދަ މުހިންމު ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމުގެ ބޭނުމުގައި، ރިސޯޓުތަކުން އެމް.އެމް.އޭ އަށް މާރުކުރަންޖެހޭ މިންވަރު 40 އިންސައްތައަށް ބޮޑުކުރުމަށް ހުށަހެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

އެމް.އެމް.އޭ ގެ ސުޕަވިޝަން ޓީމުތަކާއި ބޭންކުތައް އަދި ތަންފީޒީ އިދާރާތައް ގުޅިގެން ފުޅާ ދާއިރާއެއްގައި ކުރި  ދިރާސާތަކުން، ޑޮލަރުން އާމްދަނީ ލިބޭ ބައެއް ފަރާތްތަކުން މަނީ އެކްސްޗޭންޖަރުން މެދުވެރިކޮށް ކަޅުބާޒާރުގައި ޑޮލަރު ވިއްކަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފުވާ މިފަދަ ޢަމަލުތައް ހުއްޓުވުމަކީ ޤާނޫނީ ޒިންމާއެއް ކަމަށްވާއިރު، މީގެ ކުރިން މިކަން އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒުނުކުރެވި އޮތް ނަމަވެސް، މިހާރު އެފަދަ ފަރާތްތަކާމެދު ފަސްޖެހުމެއްނެތި ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.

ދިވެހިރާއްޖޭގެ މާލީ ނިޒާމު ހަމަމަގަށް އެޅުވުމަށާއި، ބޭރު ފައިސާގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރާއި، އެމް.އެމް.އޭ އަދި އެކި ސިނާޢަތްތަކުގެ ވިޔަފާރިތައް ގުޅިގެން މި ކުރާ މަސައްކަތްތަކަކީ ތަޢުރީފު ޙައްޤު މަސައްކަތްތަކެކެވެ. މި އެޅުނު ވިސްނުންތެރި އަދި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، މާލީ ނިޒާމަށް ރައްޔިތުންނާއި ވިޔަފާރިތަކުގެ އިތުބާރު ބޮޑުވެ، ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ފަހި މަގެއް ކޮށިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450