Ads by Farudhun

ޚަބަރު

އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލްތަކަށް އެހެން ރަށްރަށުން މުވައްޒަފުން ނެގޭ ގޮތް ހަދައިފި

އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލްތަކަށް އެހެން ރަށްރަށުން މުވައްޒަފުން ނެގޭ ގޮތް ހަދައިފި

މާޅޮސްމަޑުލު އުތުރުބުރީ ކައުންސިލްގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޯގަސްޓު 2026، 07:15

24 އޯގަސްޓު 2026، 07:15

އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ބޭނުންވާ މުވައްޒަފުން އެ ރަށަކުން ނުލިބޭ ހާލަތްތަކުގައި، އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ވަޒީފާއަށް ނެގޭނެ ގޮތަށް ސިވިލް ސަރވިސް ކޮމިޝަން އިން އުސޫލެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މި އުސޫލު އެކުލަވާލާފައިވަނީ ކުދި އާބާދީތައް ހުންނަ ރަށްރަށުގެ ކައުންސިލްތަކަށް މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައެވެ.

އަލަށް އެކުލަވާލި މި އުސޫލުގެ ދަށުން މުވައްޒަފުން ހޯދުމަށް ފުރުސަތު ހުޅުވާލެވޭނީ، މުވައްޒަފަކު ނަގަން ބޭނުންވާ ރަށު ކައުންސިލުގެ އިދާރާއަކަށް ފާސްކޮށްދީފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ އަދި ވަޒީފާ ހަމަޖައްސާ ފަރާތަށް ހިނގާނެ ހަރަދަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ މަގާމުތަކަށެވެ. އަދި މިފަދަ މަގާމުތަކަށް އިއުލާނު ކުރާއިރު، އެ އަތޮޅެއްގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ފުރުސަތު ހުޅުވާލަންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މި އުސޫލުގެ ދަށުން ވަޒީފާ ހަމަޖައްސާ ފަރާތްތަކަށް، އެ ފަރާތެއް ދިރިއުޅޭ ރަށުގެ ކައުންސިލް އިދާރާއަށް ހާޒިރުވެގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް، ވަޒީފާ ހަމަޖައްސާ ފަރާތް ދިރިއުޅޭ ރަށަކީ ވަޒީފާ އޮތް އިދާރާ ނިސްބަތްވާ އަތޮޅުގެ ރަށަކަށް ވާންޖެހޭނެއެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މިގޮތަށް ނަގާ މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ބަލަހައްޓާނީ އެ މުވައްޒަފަކު ހާޒިރުވެ މަސައްކަތްކުރާ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެ ހުރި ފަރާތަކުންނެވެ. ނުވަތަ އެ ފަރާތުން ކަނޑައަޅާ އޮފިޝަލެކެވެ.

މީގެއިތުރުން، މި މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމުގައި އަމަލުކުރާނީ "ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑު" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކިކުރުމާއި، މަގާމުގެ ކުރިއެރުން ދިނުން ފަދަ އެންމެހައި އިދާރީ ކަންކަމުގައި އަމަލުކުރާނީ ސިވިލް ސަރވިސްގެ ގާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރެއިންނެވެ.

ވަޒީފާ ހަމަޖައްސަންޖެހޭ ކައުންސިލުތަކަށް މުވައްޒަފުން ނެގުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނީ ސިވިލް ސަރވިސް ކޮމިޝަނުން ނުވަތަ އެ ކޮމިޝަނުން ކަނޑައަޅާ ވަކި އިދާރާއަކުން ކަމަށްވެސް އެ އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450