ޚަބަރު
716 ހެކްޓަރު ހިއްކައި، ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަކަށް ރަސްމާލެ
މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބު
މާލެ ސަރަޙައްދުގެ އެންމެ ދެކުނުގައި ތަރައްޤީކުރާ ރަސްމާލޭގެ 716 ހެކްޓަރުގެ ބިން ހިއްކައި، ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަކަށް ރަސްމާލެވެފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބު މުހައްމަދު ނާޝިދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.
އަދި މި މަޝްރޫއުގެ ދަށުން ޖުމްލަ 1،150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާރު ވަނީ 716 ހެކްޓަރު ހިއްކިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއާއެކު ރަސްމާލެ ވަނީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށްވެފައިކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ މީގެ ކުރިން އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމަށްވުރެ 107 ހެކްޓަރު ބޮޑު މިންވަރެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރަސްމާލެގެ މަޝްރޫއު ނިމުމާއެކު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބު މުހައްމަދު ނާޝިދު ވިދާޅުވިއެވެ. އަދި އަދުގެ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީޚުގައި ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ #ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިޔަށް. ޖުމްލަ 1,150 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން، މިހާރު 716 ހެކްޓަރު ހިއްކި، ރަސްމާލެ މިވަނީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް… pic.twitter.com/UUL3n0dVJ8
— Mohamed Nashid (@naadu_mv) August 24, 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މުޅި މަޝްރޫއު ނިމޭއިރު ރަސްމާލެއިން 65،000 ގެދޮރު ޔަގީންވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ރަސްމާލެ ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްތައް އެންމެ ފުރަތަމަ ފަށާފައި ވަނީ 18 ޑިސެންބަރު 2023 ގައެވެ. އަދި މި މަޝްރޫއުގެ ދުވެލި އިތުރަށް ހަލުވިކުރުމަށް ޓަކައި އެމްއޭސީއެލްއާ މަސައްކަތް ޙަވާލުކޮށްގެން އަލުން ފަށާފައިވަނީ ވޭތުވެދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
ދުނިޔޭގެ އިޤްތިޞާދަށް އައިސްފައިވާ ލޮޅުންތަކާއެކު ބިން ހިއްކުމުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް ވަނީ އައިސްފައެވެ، ނަމަވެސް ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ކަމާބެހޭ އިދާރާތަކުން ވިދާޅުވެއެވެ.