ޚަބަރު
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
ރާއްޖޭގެ ސަރަހައްދު ފެންނަ ސެޓެލައިޓް ފޮޓޯ. ފޮޓޯ: މެޓް އޮފީސް
ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މި އެލާޓް މެޓް އޮފީހުން ނެރެފައިވަނީ މިއަދު ހެނދުނު 08:15 އިން މެންދުރުފަހު 14:00 އާ ހަމައަށެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި މި މުއްދަތުގައި ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.
Alert White for heavy rain, thunderstorms, and gusts. pic.twitter.com/ifsn9RmFwl
— Maldives Meteorology (@MetMaldives) August 25, 2026
އާންމު ގޮތެއްގައި ވައި ގަދަނުވި ނަމަވެސް، އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ވައިބާރުވެ ގުގުރާނެ ކަމަށް މެޓުން ބުނެއެވެ. އަދި ދެކުނު އަތޮޅުތަކުގައި ކަނޑު އާދައިގެ ވަރަކަށް މަޑުވި ނަމަވެސް އެހެން ސަރަހައްދުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވަމުންދާތީ، ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.