Ads by Farudhun

ޚަބަރު

ޔޫ.އެން.ސީ.ސީ.ޑީ ކޮޕް-17 ގައި ތިމާވެއްޓާއި ބެހޭ ވަޒީރު ބައިވެރިވެވަޑައިގެންފި

ޔޫ.އެން.ސީ.ސީ.ޑީ ކޮޕް-17 ގައި ތިމާވެއްޓާއި ބެހޭ ވަޒީރު ބައިވެރިވެވަޑައިގެންފި

ވަޒީރު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

25 އޯގަސްޓު 2026، 11:35

25 އޯގަސްޓު 2026، 11:35

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫ.އެން.ސީ.ސީ.ޑީ) ގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް-17) ގެ ހައިލެވެލް ސެގްމެންޓުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މަންގޯލިއާގެ އުލާންބާތަރުގައި މިހާރު ކުރިއަށްދާ މި ބައްދަލުވުމުގައި ވަޒީރުގެ އަރިހުގައި  ޑިރެކްޓަރ އޮފް އެންވަޔަރަންމަންޓަލް ކޮންޒަވޭޝަން އަޙްމަދު ޝާން އަދި ސީނިއަރ ސަރވެޔަރ ޢާއިޝަތު އަލްހާން ޙަމީދު ބައިވެރިވެވަޑައިގަންނަވައެވެ.

ކޮޕް-17 ގެ ދެވަނަ ހަފްތާގެ ތެރޭގައި ކުރިއަށްގެންދާ މަތީ ފަންތީގެ މި ބައްދަލުވުމަކީ ޔޫ.އެން.ސީ.ސީ.ޑީގައި ހިމެނޭ 197 ޤައުމުގެ ވަޒީރުންނާއި އިސް ވެރިން އެއްވެ މަޝްވަރާކުރާ މުހިންމު ބައްދަލުވުމެއް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 



މި ސެގްމެންޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ވަޒީރުންގެ މެދުގައި ބޭއްވޭ ތިން މައިގަނޑު މަޝްވަރާ ބައްދަލުވުމަކަށް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދުޅަހެޔޮ ބިމާއި ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މާލީ އީޖާދީ ވަސީލަތްތަކާ ގުޅޭގޮތުންނާއި، ހުސްބިންތަކާއި ދަނޑުވެރިކަމާ ގުޅޭގޮތުންނާއި، އަދި ރައްކާތެރިކަމާއި ހިޖުރަކުރުމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތައް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން، ކޮންފަރެންސްގައި ކަނޑައެޅިފައިވާ މައިގަނޑު ދާއިރާތަކާއި ގުޅޭގޮތުން މަތީ ފަންތީގެ އިވެންޓުތައް ކުރިއަށްދާނެ ކަމަށް ވެސް ވުޒާރާއިން ވިދާޅުވެއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ބިމުގެ ގޮންޖެހުންތަކަށް ޚާއްޞަ އިސްކަމެއް ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައި ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.  އެގޮތުން ރަށްގިރުމާއި، ބިމުގެ ފެން ތަޣައްޔަރުވެ ލޮނުވުމާއި، ކަނޑުގެ ލޮނގަނޑު އުފުލުމުގެ އިތުރުން ބޯފެން ލިބުމަށް ހުރި ދަތިތަކަކީ،  ހަނަފަސް ސަރަޙައްދުތަކުގެ މައްސަލަތަކެކޭ އެއްގޮތަށް ޔޫ.އެން.ސީ.ސީ.ޑީގެ ސިޔާސަތުތަކުގައާއި، މާލީ އެހީ ދިނުމުގެ ނިޒާމުތަކުގައާއި، ސައިންސީ ދިރާސާތަކުގައި ވެސް ސަމާލުކަން ދޭންޖެހޭ ކަންކަން ކަމަށް ރާއްޖެއިން ވަނީ ބަޔާންކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450