ޚަބަރު
ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި
ބިދޭސީ މުވައްޒަފުން - ފޮޓޯ: މޯލްޑިވްސް އިންޑިޕެންށެންޓް
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ މުސާރަ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެ މީހެއްގެ އަމިއްލަ އެކައުންޓަށް ޖަމާކުރަން ޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައި، އެކަން ގަވާއިދުން ލާޒިމްކޮށްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ ދިވެހި ސަރުކާރުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނައި ތިންވަނަ އިސްލާހުގެ ދަށުންނެވެ. ސަރުކާރުގެ ގެޒެޓުގައި މިހާރު ޝާއިއުކޮށްފައިވާ މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީ މުވައްޒަފަކަށްވެސް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަން ވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީގެ ހުއްދަ އޮންނަ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފެއްގެ އެކައުންޓަށެވެ. މި އާ އުސޫލަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރި ތާރީޚުން ފެށިގެން 30 ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
މި ފިޔަވަޅަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތައް ކަށަވަރުކޮށް، ގަވާއިދުގެ ތެރެއަށް އެ ފަރާތްތައް ފެއްތުމުގެ އިތުރުން، ރާއްޖޭގެ މާލީ ނިޒާމާއި ކަޅު ބާޒާރުގައި ހިނގާ ޑޮލަރުގެ މުއާމަލާތްތައް ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ނިންމި މުހިންމު ނިންމުމެކެވެ. ރާއްޖޭގައި އުޅޭ ބައެއް ބިދޭސީންނަށް ޑޮލަރުން މުސާރަ ލިބުމުން އެ ފައިސާ ބޮޑު އަގުގައި ކަޅު ބާޒާރުގައި ވިއްކުމާއި، ދިވެހި ރުފިޔާއިން މުސާރަ ލިބޭ ފަރާތްތަކުން ޤަވާއިދާ ޚިލާފަށް ޑޮލަރު ގަންނަ މައްސަލައަކީ އަބަދުވެސް ބޮޑު ޝަކުވާއެކެވެ.
މީގެ އިތުރުން، ބޭރު ފައިސާގެ ބާޒާރު ހަމަމަގަށް އެޅުވުމަށާއި، ވިޔަފާރިވެރިން މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ދަނީ އިތުރު ފިޔަވަޅުތަކެއްވެސް އަޅަމުންނެވެ. އެގޮތުން، ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުން ހިމެނެއެވެ.
ހަމައެއާއެކު، ބޭރު ފައިސާ މާރުކުރުމަށް މީގެ ކުރިން ދީފައި އޮންނަ ތިން މަސް ދުވަހުގެ މުއްދަތު އުވާލައި، ކޮންމެ މަހަކުވެސް ފައިސާ މާރުކުރަންޖެހޭ ގޮތަށް ހަމަޖެއްސުމާއި، ގާނޫނުގައި ޑޮލަރުން މުއާމަލާތްކުރަން ހުއްދަ އޮންނަ ހާލަތްތަކުގައި ހަދާ ޕޭމަންޓުތަކުގެ ތަފުސީލު އެމްއެމްއޭއާ ހިއްސާކުރުން ލާޒިމުކުރުން ފަދަ މުހިންމު އިސްލާހުތައްވެސް މިހާރު ވަނީ ގެނެސްފައެވެ.