ޚަބަރު
ޒުވާން ޚަޠީބުންނަކީ އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭ: ވަޒީރު ޑރ. ޝަހީމް
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު--
ޒުވާން ޚަޠީބުންނަކީ އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޒުވާން ޚަތީބުން ތަމްރީންކުރުމުގެ 5 ވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ޚުޠުބާ ކިޔުމުގެ ޤާބިލިއްޔަތުކަމާއި، އެ ހުނަރު އެއްވެސް ކުއްޖެއްގެ ކިބައިގައި ހުރެއްޖެނަމަ އެއީ، އެ ކުއްޖެއްގެ ޝަޚުސިއްޔަތަށް އިތުރުވެގެންދާނެ ރަނގަޅު ސިފައެއްކަން ފާހަގަކުރައްވާފައެވެ.
ޒުވާން ޚަޠީބުންނަކީ ޖަމާޢަތުގައި ބަރާބަރަށް ނަމާދުކުރާ، އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭނެ
ވަޒީރު ވިދާޅުވުއެވެ.
އަދި މީގެ އިތުރުން އެމަނިކުފާނު ވަނީ ލިބޭ ނިޢުމަތާއި، އުފަލާއި ހިތްހަމަޖެހުމަކީ އަބަދުވެސް އެކަމުގައި މައިންބަފައިން ޝާމިލްކުރަން ޖެހޭނެކަމެއްކަން ފާހަގަކުރައްވާފައެވެ. އަދީ މިހާ ހިސާބަށް އާދެވުނީ މައިންބަފައިންގެ ބުރަ މަސައްކަތާއި ހެޔޮ ނަސޭޙަތާއި، ހެޔޮ ދުޢާގެ ސަބަބުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ އިމާމުކަމުގެ ސެޓްފިކެޓް ލެވެލް 1،2،3 ނިންމާ އިމާމުކަމަށް ނިކުންނަ ފަރާތްތަކާއި، ނިޒާމީ ތަޢުލީމުގެ ތެރެއިން އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ ޢިލްމު އުނގެނިގެން އިސްލާމް މާއްދާއިން މަތީ ދަރަޖަ ހޯދާ ފާސްވެގެން، އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ޤާބިލުކަން އެންމެ ފުރިހަމަ ދަރަޖައިގައި ހުންނާނެކަން ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ރަށްތަކުގައި ޚުޠުބާ ކިޔާނެ އިމާމުން ހޯދުމަށް އޮތް ގޮންޖެހުންތައް ފިލުވުމާއި ކުރިއަށް އޮތް ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމަކީ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ އެންމެ ބޮޑު އެއް މަޤްސަދުކަން މިނިސްޓްރީން ފާހަގަކުރެއެވެ. މި ޕްރޮގްރާމްގެ 5 ވަނަ ބުރުގައި 91 ޒުވާން ޚަތީބުން ތަމްރީނު ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށެވެ. ޒުވާން ޚަޠީބުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ ބޮޑު ތަރުޙީބެއް އޮތް، އަދި ދީނީ ހޭލުންތެރިކަން ފެތުރުމުގެ މަސައްކަތަށް އައު އުންމީދެއް ގެނެސްދިން ކާމިޔާބު މަސައްކަތެއް ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބަޔާންކުރެއެވެ.