ޚަބަރު
އައި.އެސް.ސީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ކެމްބޯޑިއާއަށް ފުރާވަޑައިގަންނަވައިފި
މަޖިލީހުގެ ރައީސް. ފޮޓޯ މަޖިލިސް
އިންޓަރ-ޕާލިމެންޓަރީ ސްޕީކަރސް ކޮންފަރެންސް (އައި.އެސް.ސީ)ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ކެމްބޯޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ މި މަހުގެ 26 އިން 28 އަށް ކެމްބޯޑިއާގެ ފްނޮމް ޕެންގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މި ކޮންފަރެންސްގައި "ޞުލްޙަ އާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުޟޫއަށް، ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ، މެންބަރު މުޞްޠަފާ ޙުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަޖިލީހުން ވިދާޅުވެއެވެ.
އައި.އެސް.ސީ ކޮންފަރެންސަކީ، ޞުލްޙައާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ހަމަނުޖެހުންތައް ޙައްލުކުރުމުގެ އިތުރުން، ގުޅިފައިވާ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެކި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސެކެވެ.