ކުޅިވަރު
ބޮޑުފޮޅުދޫ ބަލިކޮށް އއ. އަތޮޅުގެ ޗެމްޕިއަންކަން މަތިވެރިން ހޯދައިފި
މަތިވެރިން އއ އަތޮޅުގެ ޝީލްޑް އުފުލާލުން / ފޮޓޯ: ބިލްގްރަފީ
އެފްއޭއެމް ފުޓްސަލް އަތޮޅު ޗެމްޕިއަންޝިޕް 2026 ގެ ފޯރިގަދަ ފައިނަލް މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 0-1 ގެ ނަތީޖާއަކުން ބޮޑުފޮޅުދޫ ބަލިކޮށް، އއ. އަތޮޅުގެ ޗެމްޕިއަންކަން މަތިވެރިން ހޯދައިފިއެވެ.
އއ. އަތޮޅުން މުބާރާތުގައި ބައިވެރިވެފައިވަނީ މަތިވެރި އަދި ބޮޑުފޮޅުދޫ އެކަނި ކަމަށްވާތީ، އަތޮޅު ބުރު ކުރިއަށްދިޔައީ ސީދާ ޗެމްޕިއަން ޓީމު ކަނޑައެޅުމަށް ކުޅެވުނު ފައިނަލް މެޗަކުންނެވެ. އަދި ދެ ޓީމަށްވެސް ވަނީ މުބާރާތުގެ ޒޯން ބުރުން ފުރުސަތު ކަށަވަރުވެފައެވެ.
ފައިނަލް މެޗު ފަށައިގެން ވަރުގަދަ ކުޅުމެއް ދައްކައި، ކުރީކޮޅު މެޗު ކޮންޓްރޯލް ކުރީ ބޮޑުފޮޅުދޫންނެވެ. އަދި ލަނޑެއް ޖެހުމަށް އެ ޓީމުން ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރިއެވެ. ނަމަވެސް، ކުޅުމުގެ އޮއިވަރާ ދެކޮޅަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މަތިވެރިންނެވެ.
މެޗުގެ 8 ވަނަ މިނެޓުގައި މަތިވެރިއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އެންމެ ހުނަރުވެރި ކުޅުންތެރިޔާ އަލީ އަލްސަންއެވެ. އަމިއްލަ ހާފުގެ ކަނާތްފަރާތުން ބޯޅަ ހޯދުމަށްފަހު، ކުރިއަށް އަރައި ޕެނަލްޓީ އޭރިއާ ކައިރިން ވާތްފަރާތަށް ޖެހިލައި، އަލްސަން ވަނީ ވާތު ފައިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މަތިވެރިއަށް ކުރިހޯދައިދީފައެވެ.
ފައިނަލް މެޗުގެ ތެރެއިން / ފޮޓޯ: ބިލްގްރަފީ
މި ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައެވެ. ބޮޑުފޮޅުދޫން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ވަރުގަދަކުރިއިރު، މަތިވެރިން މަސައްކަތްކުރީ ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރުމަށެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް، ނަތީޖާ ހަމަހަމަކުރަން ބޮޑުފޮޅުދޫއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ޓީމަށް ލިބުނު ދުރު-ޕެނަލްޓީ މުޙައްމަދު ސިރުޚާން ފޮނުވާލި ނަމަވެސް، އެ ބޯޅަ ގޯލަށް ވައްދާލެވޭ ގޮތެއް ނުވިއެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 0-1 އިން މަތިވެރި ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މި ހާފުގައި ބޮޑުފޮޅުދޫން ގިނަ ހަމަލާތަކެއް އުފައްދައި، މަތިވެރީގެ ގޯލަށް ނުރައްކާކުރި ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭގޮތެއް ނުވިއެވެ. މަތިވެރިއަށްވެސް ލީޑު ފުޅާކުރަން މަދު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-1 ގެ ނަތީޖާއަކުން މޮޅުވެ، މަތިވެރިން ވަނީ އއ. އަތޮޅުގެ ޗެމްޕިއަން ޝީލްޑް އުފުލާލާފައެވެ.
މި މެޗަށްފަހު، ޗެމްޕިއަން މަތިވެރި އަދި ރަނަރަޕް ބޮޑުފޮޅުދޫ ދެން ނުކުންނާނީ އެފްއޭއެމް ފުޓްސަލް އަތޮޅު ޗެމްޕިއަންޝިޕްގެ ޒޯން ބުރުގައެވެ.