ޚަބަރު
ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން / ފައިލް ފޮޓޯ: މަޖިލިސް
ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށްތަކުން ހޯދާ މާލީ މަންފާތައް ހުއްޓުވައި، ނުޙައްޤުން ހޯދާ މުދާ ދައުލަތަށް ނެގުމަށް މަގުފަހިކުރާ "ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު" ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިފިއެވެ.
މި ބިލަކީ ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކޮށް، އެފަދަ މުދާ ދެނެގަނެ، ހޯދައި، ހިފަހައްޓައި އަދި ދައުލަތަށް ނެގުމާބެހޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމުގެ މަޤްޞަދުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލެކެވެ.
މި ބިލުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ޢާންމު އުސޫލުތަކާއި، އެފަދަ މުދާ ދެނެގަތުމަށާއި ހިފެހެއްޓުމަށް އަޅަންޖެހޭ ވަގުތީ ފިޔަވަޅުތަކުގެ އިޖުރާއަތުތަކެވެ. އެގޮތުން، ކުށް ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ދެނެގަތުމުގެ މިންގަނޑުތަކާއި، އެފަދަ ތަކެތި ދައުލަތަށް ނެގޭނެ ޙާލަތްތައް ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ޝަރީޢަތަށް ކުށް ސާބިތުވުމާ ގުޅިގެން މުދާ ދައުލަތަށް ނެގުމުގެ އިތުރުން، ބައެއް ޙާލަތްތަކުގައި ކުށް ސާބިތުވުމަކާ ނުލައިވެސް ކުށް ކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގޭނެ އުސޫލުތައް މި ބިލުގައި ވަނީ ހިމަނާފައެވެ. އަދި ދައުލަތަށް ނަގާ މުދާ ބެލެހެއްޓުމާއި، މެނޭޖްކުރުމާއި، އެ މުދަލުން ތަޞައްރުފުކުރުމުގެ އުސޫލުތަކުގެ އިތުރުން، މިފަދަ މައްސަލަތަކުގައި ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބާރުލުން ޤާއިމުކުރުމުގެ މާއްދާތައްވެސް ބިލުގައި އެކުލެވިގެންވެއެވެ.
މި ބިލުގައި އިންތިޤާލީ މަރުޙަލާގެ މުހިންމު ކަންކަންވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ވުޖޫދުގައިވާ އަންނަނިވި ޙާލަތްތަކަށް ޤާނޫނު ހިނގާނެ ކަމަށް ބަޔާންކޮށްފައިވެއެވެ:
- ކުށް ސާބިތުވެފައިވާ ފަރާތެއް ވާނަމަ، ފޯރފީޗަރ އަމުރެއް މެދުވެރިކޮށް އެ ފަރާތުގެ މުދާ ދައުލަތަށް ނެގުން.
- ޤާނޫނެއްގެ ދަށުން މިހާރުވެސް ހިފަހައްޓާފައިވާ މުދަލެއް ވާނަމަ، ވަގުތީ ގޮތުން އެ މުދާ ހިފެހެއްޓުމުގެ އިޖުރާއަތުތައް ހިންގުން.
- ޤާނޫނެއްގެ ދަށުން މުދަލެއް ދައުލަތަށް ނަގާފައިވާނަމަ، މުދާ ބަލަހައްޓައި އެ މުދަލުން ތަޞައްރުފުކުރުމުގެ އިޖުރާއަތުތައް ހިންގުން.
މި ބިލަކީ ރާއްޖޭގައި ކުށްކޮށްގެން ޤާނޫނާ ޚިލާފަށް މުއްސަނދިކަން ހޯދަމުންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޤާނޫނީ ގޮތުން ލިބިގެންދާނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.