ޚަބަރު
ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތަކުގެ ޑަބަލް ވެރިފިކޭޝަން ޕްރޮސެސް ފަށައިފި
ހިޔާ ޓަވަރުތައް. ފޮޓޯ: ދައުރު
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ޑަބަލް ވެރިފިކޭޝަންގެ މަސައްކަތް ފަށާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ޑަބަލް ވެރިފިކޭޝަންގެ މަސައްކަތް ކުރިއަށްދާއިރު މައުލޫމާތުގައި ފުށޫއެރުމެއްވާ ނަމަ، ފޯމު ހުށައެޅުއްވި ފަރާތަށް އެކަން އަންގަވާނެ ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް އެ މައުލޫމާތު ސާފުކޮށްދިނުމުގެ ފުރުސަތުދެވިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން އެކަމަށް އެދި ފޯމު ހުށައަޅުއްވާފައިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ހެލްޕް ޑެސްކަކާއި، ކޯލު ސެންޓަރެއްގެ ހިދުމަތް ގާއިމުކުރައްވާފައެވެ. ކޯލު ސެންޓަރު އަދި ހެލްޕެ ޑެސްކުގެ ހިދުމަތް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކުގެ ހެނދުނު 9:00 އިން 15:00 އަށް ލިބިވަޑައިގަންނަވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް މިނިސްޓްރީގައި ޤާއިމްކޮށްފައިވާ ހެލްޕް ޑެސްކު އަދި ކޯލު ސެންޓަރު ހުޅުވިފައި ހުންނާނެ ގަޑިތައް
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) August 25, 2026
ހެލްޕް ޑެސްކާއި ކޯލު ސެންޓަރުގެ ހިދުމަތް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކުވެސް… pic.twitter.com/JBmX5rCoY2
ބޯހިޔާވަހިކަމުގެ މި ޕްރޮގްރާމަށް އެދި އެއްކޮށް 58،505 ފަރާތަކުން ވަނީ އެޕްލިކޭޝަން ހުށަހަޅާފައެވެ. މީގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 35،930 އެޕްލިކޭޝަނާއި، ބިން ނުވަތަ ގޯއްޗަށް އެދި ހުށަހެޅި 22،575 އެޕްލިކޭޝަން ހިމެނެއެވެ.
ރާއްޖޭގައި ދިރިއުޅޭ އަދި ބޯހިޔާވަހިކަމެއް ބޭނުންވާ އެންމެހައި ރައްޔިތުންނަށް މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ގެދޮރު ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
މާލެ ސަރަޙައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ މައުލޫމާތު ކަށަވަރުކުރުމަށްފަހު މަސައްކަތް ނިންމައި، މި އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި ދާއިމީ ލިސްޓު އިޢުލާނުކުރެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު ވަނީ ވިދާޅުވެފައެވެ.