ޚަބަރު
ޚާރިޖީ ވަޒީރު އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސަޢޫދީއަށް ފުރާވަޑައިގެންފި
ވަޒީރު އިރްތިޝާމް. ފޮޓޯ: ޔޫއެން
ޔަހޫދީ ދައުލަތުން ޤައްޒާ އާރާސްތުކުރުމުގެ މަގުޗާޓާއި ދެކޮޅު ހަދަމުންދާތީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ޚާއްޞަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޢާޞިމް އަޙްމަދު ނުވަތަ އިރުތިޝާމް އާދަމް ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި މާދަމާ ބާއްވާ މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމަކީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތައް ކުށްވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަނެ ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ސަޢޫދީ ޢަރަބިއްޔާގެ ދަޢުވަތަކަށް ބާއްވާ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައިވެސް ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ޔަހޫދީ ދައުލަތުން ހިންގާ ޢަމަލުތައް ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސްޓޭޓްމެންޓުގައި އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް މިހާރު ޣައްޒާގެ ޞުލްޙައަށް އދ. ސަލާމަތީ މަޖިލީހުން ނެރެފައިވާ މަގުޗާޓު ތަންފީޒުކުރުމަށް ހުރިހާ މެންބަރު ޤައުމަކުން ބާރުއަޅައި، އިސްރާއީލުން އެއްވެސް އަހަމިއްޔަތުކަމެއް ނުދީ ތަންފީޒުކުރުމަށް ދެކޮޅު ހަދަމުންދާތީ ތަންފީޒުކުރުމަށް އޯއައިސީގެ ހުރިހާ މެންބަރު ޤައުމަކުން ގޮވާލާނެ. އަދި ޣައިރު ޤާނޫނީ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އަޅުގަނޑުމެން ދޭ ސްޓޭޓްމެންޓުގައި އެކަން ބަޔާން ކުރެވޭނެ،" ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން ވަޒީރު އިރުތިޝާމް ވިދާޅުވެފައިވެއެވެ.
ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށް، 1967 ގެ ބޯޑަރަށް އެނބުރި ރުޖޫޢަވެ، ފަލަސްޠީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމުގައި ބަލައިގަތުމަށް ވަކާލާތު ކުރަމުންނެވެ. އަދި ޔަހޫދީ ދައުލަތުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް ބައިނަލްއަޤްވާމީ މަންސަތަކުގައި ރާއްޖެއިން ދަނީ އަޑުއުފުލަމުންނެވެ.
އޯއައިސީގެ މި ބައްދަލުވުމުގައި، ފަލަސްޠީނުގެ މައްސަލައިގެ އިތުރުން އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ބައްދަލުވުމުގެ ހަވާސާގައި އެކުވެރި ޢަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.