ޚަބަރު
މަނީ ލޯންޑަރިންގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން ތަކެއް- ފޮޓޯ: އިމިގްރޭޝަން
ފަރުދުން
05 ސެޕްޓެމްބަރު 2024، 12:18
05 ސެޕްޓެމްބަރު 2024، 12:18
މަނީ ލޯންޑަރިންގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.
ޢަބްދުލް ރަޤޫބް ނިސްތާރު ހަލީމް ރަހްމާން ކިޔާ މީހާ ހައްޔަރުކޮށްފައި ވަނީ އޭނާގެ އަތުން ގިނަ އަދަދަކަށް ޑޮލަރު ފެނުމުންނާއި އެ ފައިސާ ހޯދި ގޮތް ފުލުހުންނަށް ސާފުކޮށްދީފައި ނުވުމާއި ގުޅިގެން ކަމަށް އޭނާގެ ބަންދުގެ އަމުރުގައި ވެއެވެ. އަދި ރާއްޖެ އެތެރެވެ، ޖެހިގެން އަންނަ ދުވަހު އޭނާ އަބަދުވެސް ފުރައިގެން ދާތީ ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށްވެސް އޭނާގެ ބަންދުގެ އަމުރުގައި ބުނެފައިވެ އެވެ.
ކޯޓު އަމުރުގައި ވަނީ މި މައްސަލާގައި ކަސްޓަމްސްގެ ބެލުމުގައި ދަށުގައި އޭނާ ހިފެހެއްޓުމަށް ފަހު، އޭނާގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވުނު ހިސާބުން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަކަން ލިޔެކިޔުންތައް އެނގޭ ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތުން ފެށިގެން ކޯޓަށް ހާޒިރުކުރި ވަގުތާ ދެމެދުގައި 24 ގަޑިއިރު ފާއިތުނުވާ ކަމަށް ވެސް އެ އަމުރުގައި ވެއެވެ.
އޭނާ ބަންދުކުރަން އަމުރުކުރި ސަބަބުތައް ކަމަށް ކޯޓު އަމުރުގައި ބުނެފައި ވަނީ ޖިނާއީ ބޮޑު މައްސަލައެއްގެ ތުހުމަތުކުރުމާއި،އޭނާ އަތުން ފެނުނު ފައިސާ ލިބިފައިވާ ގޮތް ސާފުކޮށްދެވިފައި ނުވުމުގެ އިތުރުން އޭނާގެ ޓްރެވަލް ހިސްޓްރީއަށް ބަލާއިރު، ޝައްކުވާ ފަދަ އަމަލުތަކެއް ހުރުމުން ކަމަށެވެ.
ޝަރީއަތުގައި އޭނާގެ ދިފާޢީ ވަކީލުން ބުނި ގޮތުގައި، އޭނާގެ އަތުން ހިފަހައްޓާފައިވާ ފައިސާއަކީ ޞައްޚަ ފައިސާ އެވެ. އަދި ޝަރުތު ތަކަކާއެކު ބަންދުން ދޫކޮށްލުމަށް ވަނީ އެދެފެއެވެ.