ޚަބަރު
ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމުން ރާއްޖެއިން މަރުޙަބާ ކިޔައިފި
ފޮރިން މިނިސްޓްރީ—
އެމެރިކާއިން އެކުލަވާލާފައިވާ ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމަށް ނިންމި ނިންމުމަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވަނީ، ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް ރާއްޖޭގެ ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.
އަދި މި މުހިންމު ކުރިއެރުމާ ގުޅިގެން ދިވެހި ސަރުކާރުން ސީރިއާއަށް ހޫނު މަރުޙަބާއެއް ދަންނަވާ ކަމަށާއި، ސީރިއާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި، ހަމަޖެހުމާއި، ތަނަވަސްކަމަށް ދިވެހި ސަރުކާރުން އެދޭ ކަމަށް މި ބަޔާނުގައިވެއެވެ.
ހަމައެއާއެކު، މި ނިންމުމަކީ ސީރިއާ އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކަށް އެހީތެރިކަން ލިބި، އެ ޤައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެ ނިންމުމެއް ކަމަށް ދިވެހިރާއްޖެއިން އުންމީދުކުރައްވާ ކަމަށް ބަޔާނުގައިވެއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ސީރިއާގެ މިނިވަންކަމާއި އިސްތިޤްލާލުގެ އިތުރުން އެ ޤައުމުގެ ސަރަޙައްދީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެއެވެ. އަދި ހަމައެއާއެކު، ސީރިއާގެ ރައްޔިތުން އެދޭފަދަ، އެމީހުންގެ އަމިއްލަ އިސްނެގުމާއި އެއްބާރުލުމާއެކު ޤާއިމުކުރެވޭ، އެންމެން ޝާމިލުވާ އަމާން ވެރިކަމުގެ ނިޒާމަކަށް ރާއްޖޭގެ ތާއީދު އޮތްކަން ވެސް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ޓެރަރިޒަމަށް ވާގިވެރިވާ ޤައުމުތަކުގެ ލިސްޓުގައި ސޫރިޔާ ހިމަނާފައި ވަނީ 1979 ގައި، އެ ޤައުމުގެ ކުރީގެ ވެރިޔާ ޙާފިޟު އަލް-އަސަދުގެ ދައުރުގައެވެ. އަދި އޭނާއަށްފަހު ވެރިކަމާ ހަވާލުވި ދަރިކަލުން ބައްޝާރުލް އަސަދުގެ ވެރިކަމުގައި ވެސް އެމެރިކާއިން އެ ނިންމުން ބަދަލުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަސަދުގެ ވެރިކަން ޝަރާޢު ވައްޓާލުމާއި ގުޅިގެން، އެމެރިކާއިން މިހާރު ވަނީ ސޫރިޔާ ސަރުކާރުގެ އިތުރުން ނުޞްރާ ފްރަންޓް ވެސް ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓުން ވަކިކޮށްފައެވެ.