ޚަބަރު
ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. ފޮޓޯ: މަޖިލިސް އިދާރާ
ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، އެފަދަ ތަންތަން ބޭނުންކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި ހުށަހެޅި "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި މި ބިލަކީ ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާއި ވަރުވާއަށް ލިޔެދިނުމުގެ އުސޫލުތައް ޒަމާނީކޮށް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ. މި ބިލު ދިރާސާކުރުމަށްފަހު ހުށަހެޅި ރިޕޯޓަށް މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ވަނީ ފާސްވެފައެވެ. އަދި މި ބިލާ ދެކޮޅަށް 12 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ބިލުގައި ހިމެނޭ މުހިންމު ކަންކަން
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށެއް ފަތުރުވެރިކަމުގެ ބޭނުމަށް ނުވަތަ ސިނާއީ ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެކަށައަޅައިފިނަމަ، އެ ރަށެއް އެ ކައުންސިލެއްގެ އިހްތިސާސުން ވަކިކުރެވޭނެއެވެ. މީގެއިތުރުން ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަކަށް ކަމަށާއި، މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި 50 އަހަރަށް އިތުރުކުރެވޭނެ ކަމަށް ވެސް ބިލުގައިވެއެވެ.
އެކި ބޭނުންތަކަށް ދޫކުރާ ފަޅުރަށްރަށުގެ އިކުއިޒިޝަން ފީ ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީންނެވެ. އަދި ވަރުވާއަށް ދޫކުރެވޭނީ ވަކި ބޭނުމަކަށް އެކަށައަޅާފައި ނުވާ ރަށްތައް ކަމަށާއި، އެފަދަ ރަށްތައް ގިނަވެގެން 5 އަހަރުގެ މުއްދަތަކަށް ދޫކުރެވޭއިރު، މުއްދަތު އިތުރުކުރެވޭނީވެސް 5 އަހަރަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އަދަބުތައް
މި ގާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން ވަރުވާއަށް ދޫކުރާ ރަށެއްގައި ގާނޫނާ ޚިލާފަށް ކަމެއް ކޮށްފިނަމަ 500,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ. އަދި އެހެން ބޭނުންތަކަށް ދޫކުރާ ފަޅުރަށާއި ފަޅުތަކުގައި ގާނޫނާ ޚިލާފު އަމަލެއް ހިންގައިފިނަމަ 1,000,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ލިބިދެއެވެ.
ފަތުރުވެރިކަމާއި، ސިނާއީ، ދަނޑުވެރިކަން އަދި އިޖުތިމާއީ ފަދަ އެކި ބޭނުންތަކަށް ފަޅުރަށްރަށް އެކަށައަޅާއިރު، ރަށުގެ ޓޮޕޯގްރަފީއަށާއި ތިމާވެއްޓަށް ލިބޭނެ ގެއްލުންތަކަށް ރިއާޔަތްކުރަން ޖެހޭނެއެވެ. އަދި ހިމާޔަތްކޮށްފައިވާ ތަންތަން އެހެން ބޭނުންތަކަށް ނުނެގޭނެ ކަމަށާއި، ވަރުވާއަށް ދޫކުރާ ރަށްތައް ފިޔަވައި އެހެން ރަށްތައް ބަލަހައްޓާނީ ކައުންސިލްތަކުން ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު، މި ބިލުގެ މައިގަނޑު މަގުސަދަކީ ފަޅުރަށްރަށުން އިގްތިސާދީ މަންފާ ހާމަކަން ބޮޑު ގޮތެއްގައި ހޯދުމެވެ.