ޚަބަރު
އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްޢަޒީޒު އައްޔަން ކުރުމަށް މަޖިލީހުން ރުހުންދީފި
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މަޖިލީހުގެ ކޮމެޓީގައި ޖަވާބުދެއްވަނީ / ފޮޓޯ: މަޖިލިސް އިދާރާ
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް، ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި ޢަބްދުލްޢަޒީޒު އެ މަޤާމަށް އައްޔަންކުރަން ފެންނަ ކަމަށް 47 މެންބަރުން ވޯޓު ދެއްވިއިރު، އޭނާ އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މި މަޤާމަށް ޢަބްދުލްޢަޒީޒުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ މި ހިނގާ މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ މިހާރު އެ މަޤާމުގައި ހުންނެވި އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދުގެ މަޤާމުގެ ދައުރު އަންނަ ސެޕްޓެންބަރު މަހުގެ ތެރޭގައި ހަމަވާތީއެވެ.
މަޖިލީހުގެ ތަޅުމުން މި ނިންމުން ނިންމާފައިވަނީ، މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޢަބްދުލްޢަޒީޒާ އިންޓަވިއު ކުރުމަށްފަހު، އޭނާއަށް 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިވަޑައިގަތުމުން، މަޤާމަށް ރުހުން ދިނުމަށް ފެންނަކަމަށް ފާސްކޮށް ތަޅުމަށް ފޮނުވި ރިޕޯޓަށް ބިނާކޮށެވެ.
ކޮމިޓީ މަރުޙަލާގައި ވާހަކަދައްކަވަމުން ޢަބްދުލްޢަޒީޒު ވަނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު އެކުލަވާލިއިރު މަޖިލީހުގެ ކޮމިޓީގައި އޭނާ މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާފައެވެ. އަދި އެ ޤާނޫނުގެ މައިގަނޑު ނިޔަތަކީ ދައުލަތުގެ މުއައްސަސާތަކުގެ އިސްނެގުމުގެ މަތިން ރައްޔިތުންނަށް މަޢުލޫމާތު ހާމަކޮށްފައި ބެހެއްޓުން ކަމަށާއި، އެއީ ރައްޔިތުންނަށް ކޮންމެހެން ލިބިފައި ހުންނަންޖެހޭ މަޢުލޫމާތުތަކެއް ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މީގެކުރިން 22 ޖުލައި 2014 އިން ފެށިގެން 22 ޖުލައި 2019 ގެ ނިޔަލަށް ވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ޢަބްދުލްޢަޒީޒަކީ ދިވެހި ބަހުގެ ދާއިރާއިން ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދީބެކެވެ. އޭނާ މިވަގުތު ހުންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ.