ޚަބަރު
އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އެމްޓީސީސީގެ މުވައްޒިފުން ތަކަކަށް ހިންގި ޓްރެއިނިންގެ އެއްގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ދިވެހި ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްގީކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިއީ ތައުލީމީ އަދި އަމަލީ ތަޖުރިބާގެ އިތުރުން ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވައިލައިފައިވާ 3 މަސްދުވަހުގެ ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމްގެ ދަށުން 12 ދާއިރާއަކުން ޖުމްލަ 86 ފުރުސަތު ހުޅުވާލައިފައިވާއިރު، މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު -/8,000 (އަށްހާސް) ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފުރުސަތު ހުޅުވާލެވިފައިވާ ދާއިރާތައް
މި ޕްރޮގްރާމްގެ ދަށުން ފުރުޞަތު ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި މެރިން މެކޭނިކް ޓްރެއިނީ (8 ފުރުސަތު)، މެކޭނިކް ޓްރެއިނީ (5 ފުރުސަތު)، ވެލްޑަރ ޓްރެއިނީ (4 ފުރުސަތު)، ޓިންކަރ ޓްރެއިނީ (5 ފުރުސަތު)، ފައިބަގްލާސް ޓެކްނީޝަން ޓްރެއިނީ (4 ފުރުސަތު)، އަދި އޮޓޯމޮބައިލް މެކޭނިކް ޓްރެއިނީ (4 ފުރުސަތު) ހިމެނެއެވެ. މީގެއިތުރުން އޮޓޯމޮބައިލް އޭސީ މެކޭނިކް ޓްރެއިނީ، އޮޓޯމޮބައިލް އިލެކްޓްރީޝަން ޓްރެއިނީ، އިލެކްޓްރީޝަން ޓްރެއިނީ، މެޝިނިސްޓް ޓްރެއިނީ އަދި އޭސީ ޓެކްނީޝަން ޓްރެއިނީގެ ގޮތުގައި ކޮންމެ ދާއިރާއަކުން 2 ފުރުސަތު ހިމެނެއެވެ. ހަމައެއާއެކު ބަސް ޑްރައިވަރު ޓްރެއިނީ (15 ފުރުސަތު)، ޓެކްސީ ޑްރައިވަރު ޓްރެއިނީ (20 ފުރުސަތު) އަދި ޕްރޮޖެކްޓް އޮފިސަރު ޓްރެއިނީ (11 ފުރުސަތު) ހިމެނެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާގެ އިތުރުން ފަންނީ އަދި ޕްރޮފެޝަނަލް ހުނަރުތައް ދަސްކޮށްދީ، މެންޓަރޝިޕް ފޯރުކޮށްދެވޭނެއެވެ. އަދި ކަސްޓަމަރ ސަރވިސް، ފަޔަރ ސޭފްޓީ އަދި ހޭލުންތެރިކުރުވުމުގެ ތަމްރީނުތަކާއި، ކަމާ ގުޅޭ ފަންނީ އަދި އޮޕަރޭޝަނަލް ހާއްސަ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެއެވެ. ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އެމްޓީސީސީން ދާއިމީ ވަޒީފާގެ ފުރުސަތު ލިބުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު 26 އޮގަސްޓު 2026 އިން ފެށިގެން، 2 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ. ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީ ވެބްސައިޓްގެ ކެރިއާ ޕޭޖް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އިތުރު މައުލޫމާތު ކުންފުނީގެ ސޯޝަލް މީޑިއާ އަދި ހޮޓްލައިން 1650 މެދުވެރިކޮށް ލިބޭނެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ މިފަދަ ފުރުސަތުތައް ދިވެހި ރައްޔިތުންނަށް ގިނަގިނައިން ފަހިކޮށްދީ، ވީހާވެސް ގިނަ ދިވެހި ޒުވާނުން ވަޒީފާގެ މައިދާނަށް ނެރުމެވެ. އަދި މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނާއި ހުނަރު ކުރިއަރުވައި ތަރައްގީކުރުމަކީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކެ، މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމިއޮތުމެވެ.