Ads by Farudhun

ޚަބަރު

ޤައުމީ ޤުރުއާން މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް އަންނަމަހު ބާއްވަނީ

ޤައުމީ ޤުރުއާން މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް އަންނަމަހު ބާއްވަނީ

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޯގަސްޓު 2026، 06:13

26 އޯގަސްޓު 2026، 06:13

ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކުރުމުގެ މަޤުޞަދުގައި ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީފައިނަލާއި ފައިނަލް ބުރުގެ ކިޔެވުން އަންނަ މަހު ކުރިއަށްދާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަކޮށްފިއެވެ.

މި މުބާރާތުގެ ސެމީފައިނަލް ބުރުގެ ކިޔެވުން އަންނަ މަހުގެ 14 އިން 17 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ފައިނަލް ބުރުގެ ކިޔެވުންތައް އޮންނާނީ އަންނަ މަހުގެ 16 އިން 17 އަށެވެ. މި ދެ ބުރުގެ ކިޔެވުންވެސް ކުރިއަށްދާނީ މާލޭގައި ހުންނަ ކިންގް ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގެ 4 ވަނަ އަދި 5 ވަނަ ފަންގިފިލާގައެވެ.

ޤައުމީ ފެންވަރުގައި ބާއްވާ މި މުބާރާތަކީ ދިވެހިންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމަށް ސަރުކާރުންނާއި ކަމާބެހޭ މުއައްސަސާތަކުން ޚާއްޞަ އިސްކަމެއް ދީގެން ބާއްވަމުން އަންނަ މުހިންމު މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުގައެވެ. އެގޮތުން އެހެން އަހަރުތަކާ ޚިލާފަށް މާލޭގެ އިތުރުން ރާއްޖޭގެ 21 ރަށެއްގައި އޮޑިޝަން ބުރުތައް ވަނީ ބާއްވާފައެވެ. މި އޮޑިޝަންތަކުގައި ބައިވެރިވި 3،050 ކުދިންގެ ތެރެއިން 2،742 ކުދިން ވަނީ އޮޑިޝަންގައި ކިޔަވާފައެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، ސެމީ ފައިނަލަށް ހޮވިފައިވާ ބައިވެރިން ކިޔަވާ ތަރުތީބު ލިސްޓު މިހާރު ޕޯޓަލް މެދުވެރިކޮށް އާންމުކޮށްފައިވާ ކަމަށެވެ. މުބާރާތުގެ އުޞޫލު ހަމަޖެހިފައިވާ ގޮތުން ފައިނަލް ބުރަށް ދާނީ، ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން %85 އަށް ވުރެ މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތީ މާކުސް ހޯދާ 150 ބައިވެރިންނެވެ. މީގެއިތުރުން، މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް ޚާއްޞަ އެލަވަންސެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޙާފިޡުންގެ ބައިގެ އިތުރުން 8 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. ފައިނަލުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ބަލައިގެންނާއި، ނުބަލައި ކިޔެވުމުގެ އުމުރުފުރާތަކުން އަދި މުޅި މުބާރާތުން ދެ ގޮފިންނާއި ޙާފިޡުންގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައިތަކުން ވަނަތައް ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިނާމު ލިބިގެންދާނެއެވެ.

ހަމައެއާއެކު، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެކި ބައިތަކުން 1 ވަނަ ހާސިލުކުރާ ފަރާތްތަކަށް، އެ ފަރާތަކުން ތަޢުލީމް ޙާސިލުކުރަން ބޭނުންވާ ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ބޭނުން ޤައުމަކުން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450