ވިޔަފާރި / ޚަބަރު
ބޭރު ފައިސާގެ އާމްދަނީން %40 ބޭންކުތަކަށް މާރުކުރަން މަޖިލީހުން ފާސްކޮށްފި
ރާއްޖޭގެ ރިސޯޓެއް ފޮޓޯ:އިންޓަނެޓް
ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން، ލިބޭ އާމްދަނީގެ 40 ޕަސެންޓު ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ ކެޓަގަރީ މަތިކުރުމަށް ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލަށް، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހުގައި ވަނީ "އޭ" ކެޓަގަރީގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމަށެވެ. އަދި މި އުސޫލަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންނެވެ.
ގާނޫނަށް މި ބަދަލު ގެނައުމަށް މަޖިލީހުން ފާސްކުރިއިރު، ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ (މަޓީ) އިން ވަނީ މިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މަޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިސޯޓުތަކުން ދޭ ހިދުމަތްތަކަށާއި އެހެނިހެން ކަންކަމަށް ޑޮލަރަށް ބޮޑުތަނުން ބަރޯސާވާން ޖެހޭ ކަމަށެވެ.
އެގޮތުން ރިސޯޓުތަކުން ތެލާއި، މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު، އަދި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް ފަދަ ޓެކްސްތަކުގެ އިތުރުން ކުއްޔާއި ބޭރު ފައިސާއިން ދައްކަންޖެހޭ ލޯނުތައް ފަދަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭކަން މަޓީން ފާހަގަކުރި އެވެ. އެހެންކަމުން ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ މި ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މީގެ އިތުރުން، ބައެއް ރިސޯޓު އޮޕަރޭޓަރުން ގާނޫނާ ހިލާފު މުއާމަލާތްތައް ކޮށްގެން ކަޅު ބާޒާރުގައި ބޭރު ފައިސާގެ އަގު އުފުލުމަށް މަގުފަހިކުރާ ކަމަށް ތަހުގީގަކަށް ފަހު ތުހުމަތު ކޮށްފައި ވީނަމަވެސް، އެފަދަ އެއްވެސް މައުލޫމާތެއް އެ ޖަމިއްޔާއަށް ލިބިފައި ނުވާ ކަމަށް މަޓީން ވަނީ ބުނެފަ އެވެ. އަދި ހުރިހާ އޮޕަރޭޓަރުން ވެސް ގާނޫނުތަކަށާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އަބަދުވެސް ބާރުއަޅާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
މަޓީން އިތުރަށް ފާހަގަކުރި ގޮތުގައި މަދު ރިސޯޓު އޮޕަރޭޓަރުންތަކެއްގެ މައްސަލައެއް ތަހުގީގު ކުރަމުންދާތީ، މުޅި ސިނާއަތަށް އަމާޒުކޮށް މިފަދަ ފިޔަވަޅުތަކެއް އެޅުމާއި، ޑޮލަރުގެ ކަޅުބާޒާރު ހިންގުމުގެ ތުހުމަތު މުޅި ސިނާއަތުގެ ބޮލުގައި އެޅުވުމަކީ އެއްވެސް މިންވަރަކަށް އިންސާފުވެރި ގޮތެއް ނޫނެވެ.