ޚަބަރު
އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޖަމީލާ އަލީ އައްޔަންކުރަން މަޖިލީހުން ރުހުންދީފި
ޖަމީލާ އަލީ ޚާލިދު ފޮޓޯ: ރާއްޖެ އެމްވީ
އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަގާމަށް، ޖަމީލާ އަލީ ޚާލިދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަމީލާ އެ މަގާމަށް އައްޔަންކުރުމަށް ފާސްކުރީ، އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ.
ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަދި މިވަގުތު ޚާރިޖީ ވުޒާރާގެ އެމްބެސެޑާ އެޓް-ލާޖުގެ މަގާމުގައި ހުންނެވި ޖަމީލާ ވަނީ މީގެކުރިންވެސް ޚާރިޖީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، 2017 އިން 2019 އަށް ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ފުރަތަމަ ސަފީރުގެ މަގާމު އޭނާ ވަނީ އަދާކުރައްވާފައެވެ. މީގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްކަން ވެސް ޖަމީލާ ވަނީ ކުރައްވާފައެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އިރުތިޝާމް އާދަމް، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.