Ads by Farudhun

ޚަބަރު

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ބިލަށް އޭސީސީގެ ފުރިހަމަ ތާއީދު

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ބިލަށް އޭސީސީގެ ފުރިހަމަ ތާއީދު

އެންޓި-ކޮރަޕްޝަން ކޮމިޝަން ފޮޓޯ: މޯލްޑިވްްސް ފައިނެންޝަލް ރިވިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޯގަސްޓު 2026، 08:59

26 އޯގަސްޓު 2026، 08:59

ތުހުމަތުވާ މީހާގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާ ސާބިތުނުވި ނަމަވެސް، އެ މުދަލަކީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއްކަން މަދަނީ މިންގަނޑުން ސާބިތުވާ ނަމަ ދައުލަތަށް ނެގޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު" އަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތާއީދުކޮށް، އެކަމަށް މަރުހަބާ ކިޔައިފިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ ފަރާތުން ރަސްމީކޮށް މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތުގައި އެޅުނު ވަރަށް ފާހަގަކޮށްލެވޭ އަދި ތާރީޚީ މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ބިލުގެ ސަބަބުން ކޮރަޕްޝަނުގެ ކުށްތައް ހުއްޓުވުމަށާއި، ބޮޑެތި ކުށްތަކުން ހޯދާ ނުހައްގު މަންފާ އަނބުރާ ދައުލަތަށް ނަގައި، ގާނޫނާ ހިލާފަށް ހޯދާ މުއްސަނދިކަން ކުށްވެރިންނަށް ލިބުން ހުއްޓުވުމަށް ބޭނުންވާ ވަރުގަދަ ގާނޫނީ އޮނިގަނޑެއް ގާއިމްކުރެވިގެންދާނެ ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

އަދި މިއީ ކުރިމަގުގެ ޖީލުތަކަށްޓަކައި ދައުލަތުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު ބާރެއްގެ ގޮތުގައި ސިފަކުރަމުން އޭސީސީން ބުނީ، އެ ކޮމިޝަނުގެ އުންމީދަކީ މި ބިލު ވީ އެންމެ އަވަހަކަށް މަޖިލީހުން ފާސްވެ، އަމަލީ ސިފައެއްގައި ތަންފީޒުވާން ފެށުން ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުގެ ވެރިކަން ނަގަހައްޓައި، އެންމެ މަތީ ދަރަޖައިގެ އިންސާފު ގާއިމުކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކާއި ބައިނަލްއަގްވާމީ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމުގައި ދެމިއޮންނާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މި ބިލު މަޖިލީހަށް ފޮނުއްވިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބިލުގެ މައިގަނޑު އެއް ބޭނުމަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ މީހުންގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުން ކަމަށެވެ.

މި ބިލުގައި ކުށްކޮށްގެން ހޯދާ މުދަލާއި، ކުށް ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ދެނެގަތުމުގެ މިންގަނޑުތަކާއި، އެފަދަ މުދާ ދައުލަތަށް ނެގޭނެ ހާލަތްތައް ވަނީ ބަޔާންކޮށްފައެވެ. އަދި ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމަށް އަޅާ ވަގުތީ ފިޔަވަޅުތަކުގެ ތެރޭގައި؛ އެކައުންޓް މޮނިޓަކުރުމުގެ އަމުރާއި، މައުލޫމާތު ހާމަކުރަން އަންގާ ޕްރޮޑަކްޝަން އަމުރުގެ އިތުރުން، އެކައުންޓްތަކުން މުއާމަލާތް ކުރުން ހުއްޓުވާ ފްރީޒްކުރުމުގެ އަމުރު ނެރުމުގެ އުސޫލުތައް ވެސް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ބައިނަލްއަގުވާމީ އެހީތެރިކަމާއި އެއްބާރުލުން ގާއިމުކުރުމުގެ ދަށުން، ރާއްޖެއިން ބޭރުގައިވާ ކުށްކޮށްގެން ހޯދި މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމާއި، ބޭރު ގައުމުތަކުގެ ފަރާތްތަކުން ރާއްޖޭގައި ހޯދާފައިވާ އެފަދަ މުދާ ހިފެހެއްޓުމުގައި އެ ގައުމުތަކަށް އެހީތެރިވުމުގެ އުސޫލުތައް ވެސް މި ބިލުގައި ވަނީ ފުރިހަމައަށް ހިމަނާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450