ކުޅިވަރު

ހިތްދަތި ގޮތަކަށް މަންދޫ ބަލިކުރުމަށްފަހު ދަނގެތިން އދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި

ހިތްދަތި ގޮތަކަށް މަންދޫ ބަލިކުރުމަށްފަހު ދަނގެތިން އދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި

ދަނގެތިން އދ. އަތޮޅުގެ ތަށި އުފުލާލުން / ފޮޓޯ: އަލީ ހުޝާން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 އޯގަސްޓު 2026، 09:32

27 އޯގަސްޓު 2026، 09:32

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ އދ. އަތޮޅު ބުރުގެ ފައިނަލްގައި، ފަހު ވަގުތު ޖެހި ލަނޑުން މެޗު އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެން މަންދޫ ބަލިކުރުމަށްފަހު ދަނގެތިން އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.

އދ. އަތޮޅުން މި މުބާރާތުގައި ބައިވެރިވީ ދަނގެއްޗާއި މަންދޫ އެކަނިކަމުން، އަތޮޅު ބުރު ކުރިއަށްދިޔައީ ސީދާ ފައިނަލް މެޗަކުން ޗެމްޕިއަން ޓީމު ކަނޑައަޅާ ގޮތަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ކުޅުނީ ވަރަށް ހަމަޖެހިލައިގެންނެވެ. އެގޮތުން މާ ބޮޑަށް ކުރިއަށް ނުޖެހި، ކޮންޓްރޯލް ހޯދުމަށް ދެ ޓީމުން ވެސް މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުން، ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ތަނަވަސްކުރެވިފައެއް ނުވެއެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ނަމަވެސް، ދެވަނަ ހާފު ފަށައިގެން މަންދޫން ކުޅުން ވަރުގަދަކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ފަސްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ދަނގެތީގެ އަޙްމަދު ޢަބްދުﷲ ގެ އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލައިގެން މި ލަނޑު މަންދޫއަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް ޝިޔާޒެވެ.

މަންދޫން އަތޮޅު ތަށި އުފުލައިލަން ކުޑަތަންވެފައި ވަނިކޮށް، ދަނގެތިން މެޗުގެ ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ތެރޭގައެވެ. ވާތްފަރާތު އަރިމަތިން މުޙައްމަދު ރަޒާން ޙުސައިން ކުރިޔަށް ދިއުމަށްފަހު، އެތެރެއަށް ވަދެ ކަނާތު ފައިން ފޮނުވާލި ބާރު ހަމަލާ މަންދޫގެ ކީޕަރު މަތަކުރި ނަމަވެސް، ރީބައުންސްވެގެން ނުކުތް ބޯޅަ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ވައްދާލީ އަޙްމަދު ސުދައިޝް ޢަލީއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ދަނގެތިން ވަނީ ކުރި ހޯދާފައެވެ.

އދ. އަތޮޅުގެ ފައިނަލް މެޗުގެ ތެރެއިން / ފޮޓޯ: އަލީ ހުޝާން

ޕެނަލްޓީ ޝޫޓްއައުޓްގައި މަންދޫ ޓީމުގެ އާދަމް ޝިޔާން، އިސްމާޢީލް ޝިޔާޒް އަދި އިބްރާހީމް ޢިމްރާން ޕެނަލްޓީ ކާމިޔާބުކުރިއިރު، އާދަމް އަޒީމް އަދި މުޙައްމަދު ފިކްސަލް ފޮނުވާލި ޕެނަލްޓީ ވަނީ ބޭކާރުވެފައެވެ. ދަނގެތި ޓީމުން ޖެހި ޕެނަލްޓީތަކުގެ ތެރެއިން މުޙައްމަދު ޝާއިފް ސާމިރު، އިޙްސާން މަންޞޫރު، މުޙައްމަދު ފައްޔާހް ސާމިލް އަދި ފަހު ވަގުތު ލަނޑު ޖެހި ސުދައިޝް ވަނީ އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްފައެވެ. ދަނގެތި ޓީމުން ނާކާމިޔާބުވީ ހަމައެކަނި ރަޒާން ފޮނުވާލި ޕެނަލްޓީއެވެ.

ބަލިވެގެން މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށް، ހިތްވަރާއެކު އެނބުރި އައިސް ހޯދި މި ކާމިޔާބީއާއެކު ދަނގެތިން ވަނީ އދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450