ޚަބަރު
ށ. ފަރޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބެލެހެއްޓެމަށް ޚާއްސަ އުޅަނދު ގެނެސްފި
ފަރޮޅު ރޭންޖަރ---
ށ. ފަރޮޅު ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބަލަހައްޓައި، ޙިމާޔަތްކުރުމުގެ މަސައްކަތަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ފަރޮޅު ރޭންޖަރ" އުޅަނދު ރަސްމީކޮށް ގެނެސްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި އުޅަނދު ގެނެވުމާއެކު، ހިމާޔަތްކޮށްފައިވާ މި ސަރަޙައްދު މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތް ރޭންޖަރުންގެ ޚާއްސަ ޓީމުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ މައިގަނޑު ބޭނުމަކީ ފަރޮޅުގެ ޤުދުރަތީ ވެއްޓާއި ދިރުންތައް ރައްކާތެރިކުރުން ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މި މުހިންމު އިސްނެގުމަކީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ކެޓެނޭޓް" ޕްރޮޖެކްޓުގެ ދަށުން ހިންގޭ ހަރަކާތެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އަދި މި މަޝްރޫޢަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ މާލީ އެހީތެރިކަމާއެކު، އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެއްކަން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
We are excited to share that the Farukolhu Ranger vessel has officially arrived!
— Min. of Climate Change, Environment and Energy, MV (@MoEnvmv) August 27, 2026
Our dedicated ranger team will soon begin active monitoring to safeguard the Sh.Farukolhu Protected Area. This initiative is carried out as part of the CATENATE project by the MoCCEE, funded by… pic.twitter.com/8STfHra2jW
ރާއްޖޭގައި 90އަށް ވުރެ ގިނަ ސަރަޙައްދު ހިމާޔަތްކޮށްފައިވާއިރު، އެތަންތަން ބެލެހެއްޓުމަށް މިހާރު ތިބި ރޭންޖަރުންގެ އަދަދު މަދުކަން ވުޒާރާއިން ފާހަގަކުރެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ވަނީ ޚާއްސަ "ބޭސިކް ރޭންޖަރސް " ކޯހެއް ތައްޔާރުކޮށް ކުރިއަށް ގެންގޮސްފައެވެ. މި ކޯހުގެ ފުރަތަމަ ބެޗްގައި 18 މީހުން ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައިވެއެވެ.
ސަރުކާރުން ދަނީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް އިތުރަށް ބަލަހައްޓައި، އެތަންތަނުން އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ނަފާ ހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން އެފަދަ ތަންތަން ދެމެހެއްޓެނިވި އުސޫލުން ބަލަހައްޓައި، ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެ ތަންތަން ބަލައިލުމުގެ ފުރުޞަތު ފަހިވުމުން، އެކަށީގެންވާ ފައިދާއެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި އަމާޒު ހާސިލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.