Ads by Farudhun

ޚަބަރު

ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމުގައި ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރު ނުހަނު މުހިންމު: މަޖިލިސް ރައީސް

ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމުގައި ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރު ނުހަނު މުހިންމު: މަޖިލިސް ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފޮޓޯ:މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޯގަސްޓު 2026، 03:56

27 އޯގަސްޓު 2026، 03:56

ޤައުމުތަކުގެ ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމުގައި ޤާނޫނުހަދާ މަޖިލީހުން މުހިންމު ދައުރެއް އަދާކުރާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ކެމްބޯޑިއާގެ ވެރިރަށް ނޮމް ޕެންގައި މިހާރު ކުރިއަށްދާ 2 ވަނަ އިންޓަރ-ޕާލަމެންޓަރީ ސްޕީކަރސް ކޮންފަރެންސްގެ ޢާންމު ބަހުސްގައި ވާހަކަދައްކަވަމުންނެވެ."ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤްވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މަޢުޟޫއަށް ބޭއްވި ބަހުސްގައި ވާހަކަދައްކަވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ، ދުނިޔޭގެ ޞުލްޙައާއި ތަނަވަސްކަން ޤާއިމުކުރުމަށްޓަކައި ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރަންޖެހޭ ކަމަށެވެ.

ޕާލިމެންޓަރީ ޑިޕްލޮމަސީގެ ސަބަބުން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، މަޝްވަރާ ކުރުމަށް ފުރުޞަތު ލިބިގެންދާ ކަމަށް، ޞުލްޙަ ޤާއިމުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް ޢަބްދުއްރަޙީމް ވިދާޅުވި އެވެ. ހަމަ ނުޖެހުމާއި އަނިޔާވެރިކަމުގެ ބަދަލުގައި، އަބަދުވެސް އިސްކަންދޭންވާނީ މަޝްވަރާ އާއި އެއްބާރުލުން ދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ. ހަމަ ނުޖެހުންތައް ޞުލްޙަވެރިކަމާ އެކު ހައްލުކުރުމަށާއި، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިން އަލުން ޢަޒުމް ކަނޑައެޅުއްވުމަށް ވެސް ރައީސް ޢަބްދުއްރަޙީމް ވިދާޅުވި އެވެ.

ބައިބައިވުމުގެ ބަދަލުގައި މަޝްވަރާކޮށް، ބާރުގެ ބަދަލުގައި ހަރުދަނާ ޤާނޫނުތައް ހަދާ، އަދި ދެކޮޅުވެރިކަމުގެ ބަދަލުގައި އެއްބާރުލުން އިސްކުރުން މުހިންމު. ޞުލްޙައާއި، ހަމަ ޖެހުމާއި، އެންމެންގެ ކުރިއެރުން ހިމެނޭ މުސްތަޤުބަލެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރުން މުހިންމު

      މަޖިލިސް ރައީސް ޢަބްދުއްރަޙީމް 

ޔުނައިޓެޑް ނޭޝަންސް ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަކީ ދުނިޔޭގެ ޞުލްޙައާއި އަމާންކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސްތަކެއް ކަމަށް ރައީސް ޢަބްދުއްރަޙީމް ވިދާޅުވި އެވެ. 

ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތާއި، ރައްކާތެރިކަން ކަށަވަރުކުރުމުގައި މި އަސާސްތަކަކީ ނުހަނު މުހިންމު ބިންގަލެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިހުތިރާމްކުރުމަށާއި، ހުރިހާ ކަމެއްގައި ވެސް މަޝްވަރާ ކުރުން އިސްކުރުމަށް ވެސް ރައީސް ޢަބްދުއްރަޙީމް ގޮވާލެއްވި އެވެ.

ކެމްބޯޑިއާ ދާޚިލީ ހަނގުރާމައަށްފަހު ޞުލްޙަ ޤާއިމުކުރުމުގައި ހޯދި ކާމިޔާބީ ފާހަގަކުރައްވަމުން، ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، ކެމްބޯޑިއާގެ ތަޖުރިބާ ދައްކައިދެނީ ކިތަންމެ ބޮޑު ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ވަރުގަދަ ލީޑަރޝިޕަކާއި، ޢަޒުމަކާއި، ޞުލްޙަވުމުގެ ރޫހެއް ހުރެއްޖެ ނަމަ، އެ ހިތާމަވެރި ހާލަތްތަކުން ވެސް އަރައިގަނެވޭނެ ކަމުގެ ހެތްކެއް ކަމަށެވެ.

ތިމާވެށީގެ ރައްކާތެރިކަމާއި ޞުލްޙަ މަސަލަސްކަމާ ހުރި ގުޅުމުގެ މައްޗަށް ވެސް ރައީސް ޢަބްދުއްރަޙީމް ބައްލަވާލެއްވި އެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތައް ހަލާކުވުމާއި، ކަނޑުތައް ތަޣައްޔަރުވުމާއި، މޫސުމީ ކާރިސާތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށާއި ޤައުމުގެ ސަލާމަތަށް ނުރައްކާވެ، ހަމަ ނުޖެހުންތަކަށް މަގުފަހިވެދާނެ ކަމަށް ވިދާޅުވި އެވެ. ކަނޑުގެ މާޙައުލު ރައްކާތެރިކުރުމަކީ ހަމައެކަނި ތިމާވެށި ރައްކާތެރިކުރުމެއް ނޫން ކަމަށާއި، އެއީ ޞުލްޙަވެރިކަމާއި، ހަމަ ޖެހުމާއި، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވި އެވެ. ދިވެހިރާއްޖެ ހިމެނޭ ސަރަޙައްދަށް އިންޑިއާ ކަނޑުގެ ނުހަނު ބޮޑު މުހިންމުކަމެއް ލިބިފައިވާ ކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

މިއީ ވިޔަފާރިއާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ އިތުރުން އެކި ދާއިރާތަކުން މީހުންގެ ދިރިއުޅުމާ ގުޅިފައިވާ މައި ނާރު. އަދި، އަންނަން އޮތް ޖީލުތަކަށްޓަކައި ކަނޑުގެ މާޙައުލު ރައްކާތެރިކޮށް، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާ އެކު މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވަން

      މަޖިލިސް ރައީސް ޢަބްދުއްރަޙީމް 

މެދުއިރުމަތީގައި ހިނގަމުންދާ ހަމަ ނުޖެހުންތަކަށް ވެސް ރައީސް ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. ހަމަ ނުޖެހުންތަކުގެ ތެރޭގައި އެ ސަރަޙައްދުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާތަކާ މެދު ނުހަނު ބޮޑު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ހުރިހާ ފަރާތްތަކަކުން ވެސް މަޝްވަރާގެ މަގު އިޚްތިޔާރުކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ރައީސް ޢަބްދުއްރަޙީމް ގޮވާލެއްވި އެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް، ހުރިހާ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރެވޭ ފަދަ އިންޞާފުވެރި، ފުރިހަމަ، އަދި ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމަށް ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކުރުމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޢަބްދުއްރަޙީމްގެ ވާހަކަފުޅު ނިންމަވާލެއްވީ، ދުނިޔޭގެ ހުރިހާ ޤައުމުތަކެއް ގުޅިގެން، ހަމަ ޖެހުމާއި ތަރައްޤީ ހިމެނޭ ފާގަތި މުސްތަޤުބަލެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވަމުންނެވެ. ބައިބައިވުމާއި ދެކޮޅުވެރިކަމުގެ ބަދަލުގައި، ހަރުދަނާ ޤާނޫނުތަކާއި، ހިކުމަތްތެރި ލީޑަރޝިޕާއި، ޤައުމުތަކުގެ ދެމެދު ބަދަހި ގުޅުންތަކެއް ޤާއިމުކޮށްގެން ނޫނީ ދެމެހެއްޓެނިވި ޞުލްޙެއް ހާސިލު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450