ޚަބަރު
3000 އަށްވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި
ޔޫތު އޮންޓްރަޕްރިނިއަރސް އެކްސްޕޯގެ ތެރެއިން ފޮޓޯ: ޕީއެސްއެމް
ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ "ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" ފެސިލިޓީގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ރާއްޖޭގެ ޒުވާން ވިޔަފާރިވެރިންނަށް ހާއްސަ ކޮށްގެން ތައާރަފްކުރި މި ފެސިލިޓީގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ މާލީ އެހީތެރިކަން ފޯރުވައިދީފައިވާ ކަމަށް ބީއެމްއެލް އިން ވިދާޅުވެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ ކުރިއަރުވަން ބޭނުންވާ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ މި ފެސިލިޓީ ހުޅުވާލެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ފެސިލިޓީގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކޮށްފައިވެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، މި ފެސިލިޓީއަށް ޒުވާނުންގެ ފަރާތުން ލިބިގެންދިޔަ ބޮޑު ތަރުހީބުން ލިބިވަޑައިގެންނެވި ހިތްހަމަޖެހުން ބަޔާންކުރަން ދަތިކަމަށެވެ. އަދި އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުން، އެ މީހުންގެ އުފެއްދުންތެރި ހިޔާލުތައް ފައިދާހުރި ވިޔަފާރިތަކަކަށް ބަދަލުކުރުމުގައްޔާއި، ދެމެހެއްޓެނިވި ވިޔަފާރިތައް ބިނާކޮށް ދިގުމުއްދަތުގެ ކާމިޔާބީ ހާސިލުކުރުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ތަރައްގީ ކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ފަހުރެއް ކަމަށް ސީއީއޯ ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3،000 އަށް ވުރެ ގިނަ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވުމަކީ ޒުވާން ވިޔަފާރިވެރިން ބިނާ ކުރުމަށް އަޅައިދެވުނު މުހިއްމު ބިންގަލެއް ކަމަށެވެ. ދެން އޮތް ފިޔަވަހީގެ ތެރެއިން، ފުރަތަމަ ފިޔަވަހީގެ ކާމިޔާބީގެ މައްޗަށް ބިނާ ކޮށް، އިތުރު ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ފަރާތުގެ އެންމެ ބޮޑު އުއްމީދު ކަމަށް ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.
The first phase of Youth Entrepreneurship Financing, launched in collaboration with SME Digital, has successfully concluded, providing over MVR 300 million in financing to more than 3,000 youth entrepreneurs across the Maldives. 🙌
— Bank of Maldives (@bankofmaldives) August 27, 2026
The financing facility was introduced to… pic.twitter.com/ZWUlYSuQwI
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މި އިސްނެގުމުގެ އަމާޒަކީ މާލީ އެހީ ލިބޭ ފަރާތްތަކުގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެ ގޮތުން، އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާ ގުޅިގެން، ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ ލިބުނު ފަރާތްތަކަށް މެންޓަރޝިޕާއި، ވިޔަފާރީގެ ތަމްރީނު އަދި ވިޔަފާރި ފޯމަލައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ވިދާޅުވެއެވެ.