ޚަބަރު
175 މީހުން ވިލުންތެރި ކަނބަލުން ޕްރޮގްރާމް ފުރިހަމަކޮށްފި
ވިލުންތެރި ކަނބަލުން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ފޮޓޯ: ޕީއެސްއެމް
މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށް ގެންދިޔަ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ފުރިހަމަ ކުރި 264 ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
ތިން މަސްދުވަހަށް ބަހާލައިގެން، އެކި ބެޗްތަކަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ، ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަ ކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ. ތަމްރީނުތަކުގެ ތެރޭގައި ގޭތެރޭގައި ގެންގުޅޭ ކަރަންޓް ސާމާނު މަރާމާތު ކުރުމާއި، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލު ކުރުން ހިމެނެއެވެ. 2023 ވަނަ އަހަރު ފެށި މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރު ތަމްރީނުތަކުގެ ދާއިރާ އިތުރަށް ފުޅާކޮށްފައިވެއެވެ.
ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ، ޕްރޮގްރާމްއިން ދަސްވި ކަންކަމުގެ އަލީގައި ހުޅުމާލޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. "ތި ބޭފުޅުންނަކީ މި ޝަހަރުގެ ލީޑަރުން. މުޖުތަމަޢުއަށް ދިމާވާ އެކި އެކި ކަންކަމުގައި، ޚާއްސަކޮށް ދިރިއުޅުމުގައި ދިމާވާ ތަފާތު ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާ، ތިބޭފުޅުންގެ ވިލުންތެރިކަން ދައްކާދޭނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" ޒުހައިރު ވިދާޅުވިއެވެ. ހަމަ އެއާއެކު، އެޗްޑީސީން އަބަދުވެސް ހުޅުމާލޭގެ ލާބައާ މަންފާއަށް މަސައްކަތް ކުރާ ކަމަށާއި، މިފަދަ ޕްރޮގްރާމްތައް އިތުރު ކުރުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެމްއައިޓީ އާއި އެޗްޑީސީ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތްތަނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި ކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ސަބަބުން އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެ ކަމަށް ދެ މުއައްސަސާ ގުޅިގެން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.