Ads by Farudhun

ޚަބަރު

ނޭޕާލުގަ ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކާރިސާގެ އަސަރުކޮށްފައި ނުވާކަން ޚާރިޖީ ވުޒާރާއިން ކަށަވަރުކޮށްދީފި

ނޭޕާލުގަ ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކާރިސާގެ އަސަރުކޮށްފައި ނުވާކަން ޚާރިޖީ ވުޒާރާއިން ކަށަވަރުކޮށްދީފި

ނޭޕާލްގައި ފެންބޮޑުވެފައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޯގަސްޓު 2026، 07:30

27 އޯގަސްޓު 2026، 07:30

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ނުރައްކާތެރި ކާރިސާގައި، ނޭޕާލުގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް އަސަރުކޮށްފައި ނުވާކަން ދެނެގަނެވިފައިވާ ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ނޭޕާލުގެ ހިމާލިޔާ ފަރުބަދަތަކުގެ ސަރަޙައްދުގައި ކޯރެއް ބަންޑުންވުމުގެ ސަބަބުން ގިނަ އަވަށްތަކެއްގައި ފެންބޮޑުވެ ނުރައްކާތެރި ކާރިސާއެއް ވަނީ ކުރިމަތިވެފައެވެ. މި ކާރިސާގައި މަގުތަކާއި، ބްރިޖުތަކާއި، އިންޖީނުގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ކާރިސާ ދިމާވި ސަރަޙައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް އެ ވުޒާރާއަށް އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ. އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން، ނޭޕާލުގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މި ކާރިސާގައި އަސަރުކޮށްފައި ނުވާކަން ދެނެގަނެވިފައިވާ ކަމަށް ވެސް ވުޒާރާއިން ވިދާޅުވިއެވެ.

ނޭޕާލުގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން، މި ކާރިސާއާ ގުޅިގެން އެހީތެރިކަމެއް ބޭނުންވާ ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ވުޒާރާގެ ހޮޓްލައިން ނަންބަރު 9607983400+ އަށް ގުޅުމަށް ނުވަތަ ކޮންސިއުލަރ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމަށް ޚާރިޖީ ވުޒާރާއިން ވަނީ އެދިފައެވެ.

ނޭޕާލުގެ ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ފެންބޮޑުވުމުގެ ކާރިސާގައި އެ ޤައުމުން އެކަނިވެސް މަދުވެގެން 270 މީހުން ވަނީ މަރުވެފައެވެ. އަދި 826 މީހަކު ވަނީ ގެއްލިފައެވެ. ނޭޕާލްގެ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރާ ޙަވާލާދީ، އޭޕީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގެއްލިފައިވާ މީހުންގެ ތެރޭގައި 113 ފަތުރުވެރިންނާއި، ސަލާމަތީ ބާރުތަކުގެ 85 އޮފިސަރުންގެ އިތުރުން، ރަސުވާ ޑިސްޓްރިކްޓްގެ 161 މީހަކާއި ނުވާކޯޓް ޑިސްޓްރިކްޓްގެ ބަޔަކު ހިމެނެއެވެ.

ރަސުވާ ސަރަޙައްދުގައި ފެންގަނޑު އާދަޔާ ޚިލާފަށް ބޮޑުވެފައިވާތީ، ހެލިކޮޕްޓަރު ބޭނުންކޮށްގެން ހިންގާ ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ރަސުވާ ސަރަޙައްދުގެ އެޑްމިނިސްޓްރޭޓަރު ނަރެންދުރަ ޕަރިޔާރު ވިދާޅުވީ، މަރުވި މީހުންގެ ޢަދަދު އަދިވެސް އިތުރުވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި ބޯޓޭ ކޯޝީ ކޯރުގެ އައްސޭރީގައި ދިރިއުޅޭ ރައްޔިތުން، ލަސްނުކޮށް ރައްކާތެރި އުސް ސަރަޙައްދުތަކަށް ބަދަލުވުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ނޭޕާލަކީ ކޮންމެ އަހަރެއްގެ މޫސުމީ ވިއްސާރައިގެ ދުވަސްވަރު ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާތަކާ ކުރިމަތިލާން ޖެހޭ ޤައުމެކެވެ. ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މި ފަހަރުގެ ކާރިސާ ވަނީ ފަހުގެ ތާރީޚެއްގައި ނޭޕާލަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާތަކުގެ ތެރޭގައި ހިމެނިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450