ޚަބަރު
ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ކަސްޓަމްއިން ބޭންކް ތަކާއެކު ޓީޓީ ވޭރިފިކޭޝަން އެއްބަސްވުމުގައި ސޮއިކުރުން ފޮޓޯ: ޕީއެސްއެމް
ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ހަރުދަނާ ވެރިފިކޭޝަން ނިޒާމެއް ގާއިމްކުރުމުގެ ގޮތުން، ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު މިއަދު ތާރީހީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ބޭއްވި ރަސްމިއްޔާތެއްގައި، ކަސްޓަމްސްއިން ވަނީ ރާއްޖޭގައި ހިންގަމުންދާ 7 ބޭންކަކާ އެކު ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ވެރިފިކޭޝަނާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ކަސްޓަމްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ ކަމާ ގުޅޭ ބޭންކުތަކުގެ ސީއީއޯއިންނާއި މެނޭޖިންގ ޑައިރެކްޓަރުންނެވެ.
މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާ ގުޅޭ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު، ބޭންކުތަކާއި ކަސްޓަމްސްއާ ދެމެދު ބަދަލުކުރެވޭ ހަރުދަނާ ސިސްޓަމެއް ގާއިމްވެގެންދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. ހަމައެއާ އެކު، ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުޢާމަލާތްތަކާ، އެތެރެކުރެވޭ މުދަލުގެ މައުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކޮށް، ވިޔަފާރިއާ ގުޅޭ މާލީ މުޢާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަކީ ވެސް މި މަސައްކަތުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވިއެވެ. މި ނިޒާމު ވިލަރެސްކުރުމަށް ހަމަޖެހިފައިވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.
މި ތާރީހީ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ވަގުތެއްގައި، ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން ފަސޭހަކޮށްދިނުމަށާއި ބޭރު ފައިސާގެ ބާޒާރަށް ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު ތިން ހަފްތާގެ މުއްދަތަށް އިތުރުކުރުމަށް، 11 އޮގަސްޓުގައި އެމްއެމްއޭ އިން ވަނީ ނިންމާފައެވެ.
ދިވެހި ރާއްޖޭގެ ބޭންކިން ސިނާޢަތް ކުރިއަރުވައި، ސިނާޢަތަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމަށް އެމްއެމްއޭ އިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެތެރޭގެ ބޭންކުތައް އިތުރުކޮށް، ދިވެހި މާލީ ނިޒާމުގެ ތެރޭގައި އާމްދަނީ ދައުރުވާ މިންވަރު އިތުރުކުރުމަށާއި، އެތެރޭގައި ކުރެވޭ މާލީ މުޢާމަލާތްތައް ދިވެހި ރުފިޔާއިން ކުރާ ގޮތަށް ހެދުމަށް ހާއްސަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.
މީގެ އިތުރުން، ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ހުރިހާ ފަރާތްތަކުން، ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތްތައް ވެސް ސަރުކާރާއި މަރުކަޒީ ބޭންކް ގުޅިގެން މިހާރު ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.