Ads by Farudhun

ޚަބަރު

"ރައްޔިތުންގެ އަޑު": ބޯހިޔާވަހިކަމާއި ރަށްރަށުގެ ތަރައްޤީގެ ކަންބޮޑުވުންތައް ރައީސަށް ހިއްސާކޮށްފި

"ރައްޔިތުންގެ އަޑު": ބޯހިޔާވަހިކަމާއި ރަށްރަށުގެ ތަރައްޤީގެ ކަންބޮޑުވުންތައް ރައީސަށް ހިއްސާކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ އަޑު އައްސަވަނީ ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޯގަސްޓު 2026، 10:30

27 އޯގަސްޓު 2026، 10:30

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ރައްޔިތުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އެ ފުރުސަތު ފަހިކޮށްދެއްވުމަށްޓަކައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމް "ރައްޔިތުންގެ އަޑު" ގެ ތިންވަނަ އެޕިސޯޑުގައި، ގިނަ އަދަދެއްގެ ރައްޔިތުން އެމީހުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ހިއްސާކުރައްވައިފިއެވެ. މި އެޕިސޯޑުގައި ބައިވެރިވި ގިނަ ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަތަކެވެ.

ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވި ބައެއް ރައްޔިތުން ވަނީ އެމީހުންނަށް މިހާތަނަށް އެއްވެސް ކަހަލަ ބޯހިޔާވަހިކަމެއް ލިބިފައިނުވާ ކަމަށާއި، މިހާރުވެސް ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށް ބުނެފައެވެ. އަދި ވޭތުވެދިޔަ އެކި ސަރުކާރުތަކުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ އެކި ސްކީމްތަކަށް ކުރިމަތިލީ ނަމަވެސް، އެކި ސަބަބުތަކާހުރެ ލިސްޓުން އުނިކޮށް، ބޯހިޔާވަހިކަމުގެ ފުރުސަތުން މަހުރޫމްވެފައިވާކަމުގެ ޝަކުވާ އެފަރާތްތަކުން ރައީސްގެ ސަމާލުކަމަށް ގެނައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި މީހަކު އޭނާގެ ހާލަތު ބަޔާންކުރަމުން ބުނީ، އޭނާއަށް ގިރާވަރުފަޅުން ބިން ލިބިފައިވީ ނަމަވެސް އެންމެ ބޮޑު ބޭނުމަކީ ވަންނާނެ ގެދޮރެއް ލިބުން ކަމަށެވެ. އަދި އޭނާގެ ފިރިމީހާ އައްޑޫ ސިޓީ ހިތަދޫއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފޯމު އުވާލައި ލިސްޓުން އުނިކޮށްފައިވާ ކަމަށާއި، ދެވަނަ ބުރުން ފުރުސަތު ދޭނެ ކަމަށް ސިޓީ ކައުންސިލުން ލިޔުން ދިން ނަމަވެސް އޭގެ ފަހުން އެއްވެސް ޚަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

އަދި ބޯހިޔާވަހިކަމަށް ކުރިމަތިލައިގެން ޒަމާންތަކެއް ވަންދެން ނާކާމިޔާބުވެފައިވާ އެހެން މީހަކު ބުނީ، " ރަމައުމޫނު ވެރިކަމުގައި ހުޅުމާލެ ހިއްކައިގެންވެސް އެތަނަށްވެސް އަޅުގަނޑު ހުށަހެޅިން. ދިވެހިރާއްޖޭގެ ކޮންމެ ވެރިކަމެއްގައި ކޮންމެ ފަހަރަކު ހުޅުވާލާއިރު އަޅުގަނޑު ލަން. އެކަމަކު ދުވަހަކުވެސް ލައްވައެއް ނުލާ. އަޅުގަނޑުމެން މިހެން ތިއްބާ ދުނިޔެއަށް އައި މީހުންނަށް އެއް ފްލެޓް ލިބި އަނެއް ސްކީމެއްގެ ދަށުން އަނެއް ފްލެޓް ލިބޭއިރުގައި އަޅުގަނޑުމެން މިއުޅެނީ ވަރަށް ހާލުގައި. މާލޭގައި މިހާރު މިއުޅެނީ ރައްޓެއްސެއްގެ ގޭގަވެސް،" ކަމަށެވެ.

ބޯހިޔާވަހިކަމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ދިމާވާ ދަތިތަކާއި، ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައި ހުރި ގޮންޖެހުންތައްވެސް ބައެއް ފަރާތްތަކުން ރައީސާ ހިއްސާކުރިއެވެ. އަދި ރަށްރަށުގެ މަގުތަކާއި ފެނާއި ނަރުދަމާގެ ނިޒާމު ހުރިގޮތުން ދިމާވާ ދަތިތަކުގެ ވާހަކައާއި، ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުގެ ލޯނު އެހީތެރިކަން ބޭނުންވާކަން ތ. ކަނޑުދޫ މީހަކު ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުވުމުގައި ރައްޔިތުން ފާހަގަކުރި ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ހުރިހާ ކަމެއްވެސް ވަރަށް ގާތުން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ވަކިވަކިން ބައްދަލުކޮށް ހިއްސާކުރުމަށް ފުރުސަތު ދިނުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ ސިލްސިލާއެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450