ޚަބަރު
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލައްވައިފި
އޯއައިސީގެ ބައްދަލުވުމުގައި ވަޒީރު އިރުތިޝާމް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ޚާރިޖީ ވުޒާރާ
އިސްރާއީލުން ހުއްޓުމެއްނެތި ހިންގަމުންދާ ޣައިރު ގާނޫނީ އަމަލުތައް ކުށްވެރިކޮށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް ގޮވާލައްވައިފިއެވެ.
ވަޒީރު މިކަމަށް ގޮވާލެއްވީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އޯ.އައި.ސީގެ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވި ތަގުރީރުގައެވެ. މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯ.އައި.ސީގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލީ ދައުލަތުގެ މިލްކެއްކަމުގައި ނިންމައި، ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އިސްރާއީލުގެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުވައި، އެ ގައުމުގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މީގެއިތުރުން، އިސްލާމީ އުއްމަތުގެ ރިވެތި އުސޫލުތަކާއި ހަމަތައް ދެމެހެއްޓުމަކީ މެމްބަރު ގައުމުތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، މި މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ފުޅާކުރުމަށް ގޮވާލެއްވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި ހައްޤުތައް ހޯދައިދިނުމަށާއި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ހަމަޖައްސައިގެން މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ގާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
ހަމައެއާއެކު، ދެމެހެއްޓިނިވި ސުލްހައަކަށް ވާސިލުވުމަށްޓަކައި "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޤާޒާ ކޮންފްލިކްޓް" ތަންފީޒުކުރުމަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ. މި ބައްދަލުވުމުގެ ހަވާސާގައި އޯ.އައި.ސީގެ ބައެއް މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ރާއްޖެއާ އެ ގައުމުތަކާ ދެމެދު އޮތް ގުޅުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
57 ގައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީ އަކީ ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރު މި ޖަމުއިއްޔާގެ މެމްބަރަކަށް ވީއްސުރެ އޯ.އައި.ސީގެ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރަމުން އަންނަ ގައުމެކެވެ.