Ads by Farudhun

ޚަބަރު

ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އަދަދު އިތުރުވެއްޖެ

ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އަދަދު އިތުރުވެއްޖެ

އެމްއެމްއޭގެ އިމާރާތް. ފޮޓޯ: އެޓޯލް ޓައިމްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2026، 01:15

28 އޯގަސްޓު 2026، 01:15

ދައުލަތުގެ ރަސްމީ ރިޒާވަށް ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ލިބޭ ބޭރު ފައިސާގެ އަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޕޯޓަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން، މި އަދަދު ވަނީ ވޭތުވެދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅާބަލާއިރު 6 އިންސައްތަ އިތުރުވެފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 984.6 މިލިއަން ޑޮލަރެވެ. މިއީ 2024 ވަނަ އަހަރު ނިމުނުއިރު ހުރި 673.9 މިލިއަން ޑޮލަރާ އަޅާބަލާއިރު 46 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގެ އަދަދު ވަނީ 686.8 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ ޖޫން 2025 ގެ ނިޔަލަށް ހުރި އަދަދާ އަޅާބަލާއިރު 17 އިންސައްތަ ދަށް އަދަދެކެވެ. މި މުއްދަތުގައި ރިޒާވް ދަށްވި މައިގަނޑު ސަބަބަކީ މި އަހަރުގެ އޭޕްރީލް މަހު ސަރުކާރުގެ ސޫކޫކް އަނބުރާ ދެއްކުމަށް ރިޒާވުން ފައިސާ ބޭނުންކުރުމެވެ.

ރިޒާވަށް ލިބޭ ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓެކުހާއި ފީ ކަމަށްވާއިރު، ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ދަށްވުމާ ގުޅިގެން ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ ކުރިން އަންދާޒާކުރި ވަރަށްވުރެ ވަނީ ދަށްވެފައެވެ. އެހެންނަމަވެސް، މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ލިބުނު އާމްދަނީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 6 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ އަދަދުގެ ތެރެއިން، ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބައިގެ ގޮތުގައި ގާތްގަނޑަކަށް 318.8 މިލިއަން ޑޮލަރު މި މުއްދަތުގެ ތެރޭގައި ލިބިފައިވާކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރިޒާވުން ބޭރުގެ ދަރަނި އަދާކުރުމަށް 608.6 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 202 އިންސައްތަ އިތުރު އަދަދެކެވެ. މިގޮތުން ދަރަނި ދެއްކުމަށް ކުރެވުނު ހޭދަ ބޮޑުތަނުން އިތުރުވެފައިވަނީ ސޫކޫކް ދެއްކުމުގެ ސަބަބުންނެވެ. އަދި ރިޒާވް ބޭންކް އޮފް އިންޑިއާއިން 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ މުއްދަތު ހަމަވުމުން، މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުން ވަނީ އެ ފައިސާވެސް އެއްކޮށް އަނބުރާ ދައްކާ ނިންމާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450