ޚަބަރު
އެލްނީނޯގެ ބާރު ގަދަވަމުންދާތީ ރާއްޖޭގެ މުހިންމު ދާއިރާތަކަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރު ދީފި
މާލެއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރާ ހައިވޭ. ފޮޓޯ: އެޓޯލް ޓައިމްސް
ޕެސިފިކް ކަނޑުގައި އުފެދިފައިވާ "އެލްނީނޯ" ގެ ބާރު މިހާރު ދަނީ އިތުރަށް ގަދަވަމުން ކަމަށާއި، މި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ފާހަގަކުރި ގޮތުގައި، ނީނޯ 3.4 އިންޑެކްސްއަށް ބަލާއިރު އޮގަސްޓް މަހުގެ މެދުތެރޭގައި މި މިންގަނޑު ވަނީ 1.8 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ. އަދި ނީނޯގެ އެހެން ސަރަހައްދުތަކުން ވެސް ފެންނަނީ ހޫނުމިން ވަރަށް ބޮޑަށް މަތިވަމުންދާ މަންޒަރެވެ. ކްލައިމެޓް ޕްރެޑިކްޝަން ސެންޓަރު (ސީޕީސީ) އިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރުގެ ނިޔަލަށް އެލްނީނޯގެ ބާރު އިތުރަށް ގަދަވަމުންދާނެއެވެ.
އެލްނީނޯގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އާދަޔާޚިލާފަށް ހޫނުވެ، މުރަކަ ފަރުތަކުގެ ދިރުމަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިވެއެވެ. މުރަކަ ހުދުވުމުގެ ސަބަބުން ފަރުތަކަށް ބަރޯސާވާ ފަތުރުވެރިކަމުގެ މަގުބޫލުކަން ކުޑަވެ، ކަނޑުގެ ދިރުންތަކާ ގުޅިފައިވާ އާމްދަނީގެ ވަސީލަތްތަކަށް ހުރަސްއެޅޭނެ ކަމަށް މެޓުން ބުނެއެވެ. މީގެއިތުރުން، ކަނޑުގެ އޮއިވަރާއި ހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެލި އުޅޭ ސަރަހައްދުތައް ބަދަލުވެ، މަސްވެރިކަން ދަށްވެގެންދެއެވެ. ތާރީޚީ ގޮތުން ބަލާއިރު ވެސް އެލްނީނޯ އަހަރުތަކުގައި ރާއްޖޭގެ ކަޅުބިލަމަހުގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.
އެލްނީނޯގެ ސަބަބުން ވާރޭވެހޭ މިންވަރަށް ބަދަލު އައުމަކީ ދަނޑުވެރިކަމަށް ބުރޫއަރައި، ގަސްގަހާގެހިން ލިބޭ އުފެއްދުންތެރިކަން ދަށްވާނެ ކަމެކެވެ. ހަމައެއާއެކު، އާންމު ހޫނުމިން މަތިވުމުގެ ސަބަބުން ތަންތަން ފިނިކުރުމަށް ބޭނުންވާ ހަކަތައިގެ މިންވަރު އިތުރުވެ، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވެގެންދާނެއެވެ.
މި ކަންކަމުން ހާމަވަނީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ދިވެހިރާއްޖެ އޮތް ނާޒުކު މިންވަރު ކަމަށާއި، ފަތުރުވެރިކަމާއި މަސްވެރިކަން އަދި ދަނޑުވެރިކަން ފަދަ މުހިންމު ދާއިރާތަކުން މިފަދަ ބަދަލުތަކަށް ދުރާލާ ތައްޔާރުވެފައި އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.