Ads by Farudhun

ޚަބަރު

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް

ބޭރު ފައިސާގެ ގާނޫނަށް އިސްލާޙު ގެނައުމާއެކު އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2026، 03:09

28 އޯގަސްޓު 2026، 03:09

ރައްޔިތުންގެ މަޖިލީހުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ނަމަވެސް، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިމެނޭ ގޮތަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ތަންތަނުން، އެ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަން ލާޒިމުކޮށް މަޖިލީހުން މިދިޔަ ބުދަ ދުވަހު ވަނީ ގާނޫނު އިސްލާހުކޮށްފައެވެ. އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ނިންމާފައިވާއިރު، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން މުސާރަ ދޭން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މުވައްޒަފުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

މިކަމާ ގުޅިގެން އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ މަޖިލީހުން ފާސްކުރި ގާނޫނުގައި ޑޮލަރުން މުސާރަ ދިނުމަށް އޭރުވެސް އަދި މިހާރުވެސް ހުރަހެއް ނެތް ކަމަށެވެ.

ޒަމާނުއްސުރެ އުފެދިފައިވާ ޑޮލަރުގެ ކަޅު ބާޒާރުގެ ސަބަބުން ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން މަރުކަޒީ ބޭންކުން ވަނީ އެކަން ހައްލުކުރުމަށްޓަކައި ތަންފީޒީ ފިޔަވަޅުތަކެއް ފޮރެކްސް ގާނޫނުގެ ދަށުން އަޅާފަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ޑޮލަރު މާރުނުކުރާ ރިސޯޓްތަކުގެ ނަންތައް އާންމުކުރުމާއި، ގަވާއިދާ ހިލާފުވި މަނީ އެކްސްޗޭންޖަރެއް ބަންދުކުރުން ހިމެނޭއިރު، އަގުބޮޑުކޮށް ޑޮލަރު ވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަން ވެސް ތަންފީޒީ އިދާރާތަކުން ވަނީ އަންގާފައެވެ.

ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެތެރޭގެ ބާޒާރުގައި ދިވެހި ރުފިޔާއިން މުއާމަލާތް ކުރުމަކީ މަރުކަޒީ ބޭންކުގެ މުހިންމު ތަސައްވުރެއް ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެ. އެމްއެމްއޭގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، އިގްތިސާދުގައި ޑޮލަރު ބޭނުންކުރާ މިންވަރު މަދުކުރުމެވެ. އެހެންނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރަށް ބަރޯސާވެފައި އޮތުމުން، މި ބަދަލުތައް ގެންނާނީ މެކްރޯ އިސްލާހުތައް ތަންފީޒުކޮށް، އިގުތިސާދަށް އަންނަ ބަދަލުތައް ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ އަގުތައް މުޅިން ރުފިޔާއަށް ބަދަލުކުރުމުގެ ކުރިން ދައުލަތަށް ޑޮލަރުން ދައްކާ ޓެކްސްތަކާއި ފީތައް ރުފިޔާއިން ބަލައިގަންނަ ގޮތަށް ސިޔާސަތުތައް މުރާޖައާކުރަން ޖެހޭނެ ކަމަށާއި، ބައެއް ވަޒީފާތަކުގެ މުސާރަ ބޭރު ފައިސާއިން ދެވޭ ގޮތަށް އޮންނަ އުސޫލުތަކަށްވެސް ބަދަލު ގެންނަން ޖެހިދާނެ ކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450