ދުނިޔެ
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި ޙާލުގައި ޖެހިފައިވާ ބައެއް.
ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ސަރަހައްދުގެ ގްލޭޝިއާއެއް ފަޅައިގެން ގޮސް، ހިނގި ނުރައްކާތެރި ހާދިސާގައި 469 މީހުން މަރުވެ، 1,500 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެއެވެ.
މި ހާދިސާގައި ބޮޑެތި އަވަށްތަކަށާއި ވާދީތަކަށް ވަނީ އިންތިހާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ބޮޓެކޯޝީ ކޯރު ފުރިގެން ދިޔަ މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޗައިނާގެ ބޯޑަރު ކައިރީގައި އޮންނަ ނޭޕާލުގެ ރަސުވާ ޑިސްޓްރިކްޓަށެވެ. މީޑިއާތަކުން ދައްކާފައިވާ މަންޒަރުތަކުގައި ގިނަ އަދަދެއްގެ ގެދޮރު ވެއްޓި، ކާރުތައް އޮޔާދިޔުމުގެ އިތުރުން ދަގަނޑު ފާލަންތައް ވެސް ވަނީ ފެނުގެ ބާރުގައި ދޮވެވިގެން ގޮސްފައެވެ. އަދި ބައެއް އަވަށްތައް އެއްކޮށް ފެނުގެ އަޑިއަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނޭޕާލުގެ ފުލުހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް ނޭޕާލުން އެކަނިވެސް 469 މީހުން ވަނީ މަރުވެފައެވެ. އަދި ތިބަތު ސަރަހައްދުން ވެސް 3 މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންގެ އަދަދު އިތުރުވަމުންދާތީ ހަށިގަނޑުތައް ބަހައްޓާނެ ޖާގަ މޯޗަރީތަކުގައި ނެތިގެން، ހެލްތު އެކެޑަމީތަކުގެ އިމާރާތްތައް ވަގުތީ މޯޗަރީތަކުގެ ގޮތުގައި މިހާރު ދަނީ ބޭނުންކުރަމުންނެވެ.
ގެއްލިފައިވާ މީހުންގެ ތެރޭގައި އެކި ގައުމުތަކުގެ ޓޫރިސްޓުން ވެސް ހިމެނެއެވެ. ނޭޕާލުގެ ޓޫރިޒަމް ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި 34 ގައުމަކަށް ނިސްބަތްވާ 668 ޓޫރިސްޓުންނާ ވަނީ ގުޅުން ކެނޑިފައެވެ. މީގެ ތެރޭގައި އިންޑިއާގެ 177 މީހުން، އެމެރިކާގެ 90 މީހުން، އޮސްޓްރޭލިއާގެ 34 މީހުން، އިނގިރޭސިވިލާތުގެ 33 މީހުން އަދި ކެނެޑާގެ 25 މީހުން ހިމެނެއެވެ. މީގެ އިތުރުން ތިބަތުގެ ޖީރޮންގް ކައުންޓީން އެކަނިވެސް ބޭރުގެ 260 މީހުންނާއެކު 558 މީހުން ވަނީ ގެއްލިފައެވެ.
މި ހާދިސާއާ ގުޅިގެން ނޭޕާލުގެ ސިފައިންނާއި ފުލުހުން ހިމެނޭ ގޮތަށް 5,000 އަށް ވުރެ ގިނަ ރެސްކިއު ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. ހެލިކޮޕްޓަރު ބޭނުންކޮށްގެން އެކަހެރިވެފައިވާ ހިސާބުތަކަށް ޓެންޓާއި ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދެމުން އަންނައިރު، މަގުތަކާއި ފާލަންތައް ހަލާކުވެފައި ވުމުގެ ސަބަބުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
މި އޮޕަރޭޝަނުގެ ތެރެއިން އަޕާ ޓްރިޝޫލީ ހައިޑްރޯޕަވަރ ޕްރޮޖެކްޓްގެ ޓަނަލެއްގައި ތާށިވެފައި ތިބި 350 މަސައްކަތްތެރިންނާއި އާންމުން ސިފައިން ވަނީ ސަލާމަތްކޮށްފައެވެ. މި ކާރިސާއާ ގުޅިގެން އެމެރިކާ، އިންޑިއާ އަދި ޗައިނާ ފަދަ ގައުމުތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.