ޚަބަރު
ޔާމީން ދައުލަތުން ނެގި ފައިސާ ހޯދިއްޖެނަމަ ޑޮލަރުގެ މައްސަލަ ހައްލުވާނެ: ފަލާހް
އިނގުރައިދޫ ދާއިރާ މެމްބަރު އިބްރާހިމް ފަލާހު - ފޮޓޯ: އެމްއެމްޓީވީ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައުލަތުން ނަންގަވާފައިވާ އެތައް މިލިއަން ޑޮލަރެއް އަނބުރާ ދައުލަތަށް ހޯދިއްޖެނަމަ، މިހާރުން މިހާރަށް ވެސް ރާއްޖޭގެ ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ، ރިސޯޓުތަކުން 40 އިންސައްތަ ޑޮލަރު މާރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލާ ދެކޮޅަށް ތެދުވުމަށް ކުރީގެ ރައީސް ޔާމީން ގޮވާލެއްވުމާ ގުޅިގެން، އެކަމަށް ރައްދު ދެއްވައި ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފުވައްމުލަކު ސިޓީގައި ބޭއްވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޓައުންހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، 40 އިންސައްތަ ޑޮލަރު މާރުކުރުމަކީ ރިސޯޓުތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށެވެ. އަދި ރިސޯޓުތައް ތަރައްގީކުރުމަށް ނަގާފައިވާ ލޯނުތަކާއި ލޮޖިސްޓިކްސްގެ ގިނަ ކަންކަން ހަމަޖައްސަން ޖެހެނީ ޑޮލަރުން ކަމަށްވާތީ، އެހާ ބޮޑު ނިސްބަތެއް މާރުކުރަން ސަރުކާރުން މަޖުބޫރުކުރާ ކުރުމާ ދެކޮޅަށް މުޅި ރިސޯޓް އިންޑަސްޓްރީ ތެދުވަން ޖެހޭ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
މި ވާހަކަތަކަށް ފާޑުވިދާޅުވަމުން މަޖިލީހުގެ މެންބަރު ފަލާހް ވިދާޅުވީ، ވެރިކަން ކުރައްވާފައިވާ ބޭފުޅަކު ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވާން ރައްޔިތުންނަށް ގޮވާލެއްވުމަކީ ވަރަށް ބޮޑު ކުށަކަށް ދައުވަތު ދިނުން ކަމަށެވެ.
ފަލާހު ވިދާޅުވި މިކަންކަމުންވެސް ހާމަވަނީ ޔާމީނުގެ ނުބައިކަމާއި އަމިއްލަ އެދުމުގެ ބޮޑުކަން ކަމަށާއި، ވެރިކަމަށް އޮތް ދަހިވެތި ކަނަް ކަމަސެވެ. ހަމައެއާއެކު އަދު ގެ ސަރުކާރަށް އޮތް ހަސަދަވެރިކަން ކަމަށެވެ. އަދި ފަހަކަށް އައިސް އެމްޑީޕީއާއި ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީނު ކުރަމުންދާ މަސައްކަތުން ހާމަވަނީ ޔާމީނު ދައްކާ ވާހަކައާއި އަމަލާއި ދިމާނުވާ މިންވަރުކަމަށެވެ. މިއަދު ޔާމީނު ފަދަ ޚާއިނަކަށް ގޭގައި އިނުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި، އެކަމާ ޤައުމުވެސް ލަދުވެތިވާ ކަމެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ހުރަސްއެޅުމުގެ ބަދަލުގައި، ޔާމީންގެ ވެރިކަމުގައި ދައުލަތަށް ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދިއްޖެނަމަ، މިހާރު ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ވަގުތުން ވަގުތަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.