ރިޕޯޓް
އަނެއްކާވެސް އެމްޑީޕީ ރޫޅާލަނީބާ؟ ޕާޓީގެ ލީޑާޝިޕަށް ނާންގާ ޔާމީނާއެކު ސިއްރު ޑީލްތަކެއް ހަދަނީބާ؟
ކުރީގެ ރައީސް ނަޝީދު އަދި ކުރީގެ ރައީސް ޔާމީން - ފޮޓޯ: ތިނަދޫ ކައުންސިލު
ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ އެތެރޭގެ މަސްރަހު އަނެއްކާވެސް މިވަނީ ދުވަހަކުވެސް ނުދެކޭ ފަދަ ނުރައްކާތެރި ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ވެރިކަން ގެއްލުމަށްފަހު، ޕާޓީ އަލުން އާރާސްތުކޮށް ގައުމަށް "ބޮޑު ބަދަލެއް" ގެނައުމުގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ފެއްޓެވި ސިޔާސީ ކޯލިޝަނަކީ އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި ޖެހި ސިއްރު ޑީލްތަކެއްކަން މިހާރު މިވަނީ ހާމަވާން ފަށައިފައެވެ.
މީގެ ކުރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި ތުހުމަތުތައް ކުރެއްވި ނަޝީދާއި ފައްޔާޒު، ކުއްލިއަކަށް އެކުގައި މަސައްކަތް ފެއްޓެވީ އެމްޑީޕީގެ ކޮންޓްރޯލް ފުރިހަމައަށް ހޯދުމުގެ ނިޔަތުގައެވެ. އެގޮތުން ނަޝީދު ޗެއާޕާސަން ކަމަށް ވަޑައިގެން، ކުރިއަށް އޮތް 2028 ގެ ރިޔާސީ ޓިކެޓް ފައްޔާޒަށް ދިނުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ. ނަމަވެސް، މި އެއްބަސްވުން މާ ގިނަ ދުވަހަކު ދެމިއެއް ނޯތެވެ. "ބޮޑު ބަދަލު" ވަޓްސްއެޕް ގްރޫޕުގައި ނަޝީދު އަލުން ރިޔާސީ ރޭހަށް ނެރުމަށް މެންބަރުން އަޑުއުފުލަން ފެށުމުން، ފައްޔާޒު ވަނީ ހިތްހަމަނުޖެހިގެން އެ ގްރޫޕުން ނުކުމެވަޑައިގަތްކަމުގެ އަޑުތައް މީސްމީޑިއާގައި ގަދައަށް ވައިގައި ހިފާފައިވެއެވެ. އަދި މި ޚަބަރު މީޑިއާތަކަށް ތިލަވުމާއެކު، ފައްޔާޒު ވަނީ ނޫސްތަކަށް ބަހުގެ ހަމަލާތައް ރައްދުކުރައްވައި، އެއީ ރަސްމީ ގްރޫޕެއް ނޫން ކަމަށް ދައްކައިގެން ހަގީގަތް ފޮރުވަން މަސައްކަތް ކުރައްވާފައެވެ. ސޯޝަލް މީޑިއާގައި ދެ ބޭފުޅުންގެ ޓީމު އެކުގައި އޮތް ކަމަށް ވިދާޅުވި ނަމަވެސް، އެތެރޭގެ އަޑިނޭނގޭ ކޯޅުމުގައި ފައްޔާޒު މިހާރު ވަނީ ބާކީވެފައެވެ.
މި ހުރިހާ ހަމަނުޖެހުމެއްގެ ތެރެއިން އެންމެ ސިހުން ގެނުވި އަނެއް ކަމަކީ، އެމްޑީޕީގެ ލީޑާޝިޕަށް ސިއްރުން ރައީސް ނަޝީދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ޕާޓީ ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާ މަންޒަރު ފެންމަތިވުމެވެ. ވެރިކަންކުރާ ޕީއެންސީގައި ތިބި މެންބަރުން ޕީއެންއެފްއަށް ގެންދިއުމަށް ނަޝީދު ރާވަމުންދާ ކަމުގެ ވީޑިއޯތަކާއި އަޑުތައް އާންމުވެފައިވާއިރު، ތިނަދޫ ސިޓީގައި ތިއްބަވައިގެން ފުޓްބޯލަ ކުޅެ އެއްތަށިން ކައި، ހަދާ ނަޝީދު ވަނީ ޔާމީނާއި ނަޝީދު ވަނީ ވަރަށް ރަނގަޅަށްވެސް ގުޅުން ބަދަހިކޮށްފަައެވެ. އެ ޖަލްސާ ނިންމަވާލައްވައި މާގިނަ ދުވަސްތަކެއް ނުވަނީސް ޔާމީންގެ ޕާޓީއަށް މީހުން ހޯދައިދެއްވަން ނަޝީދު މަސައްކަތް ކުރެއްވުމަކީ އެމްޑީޕީގެ އާންމު މެންބަރުންނަށް ދެއްވި ވަރަށް ބޮޑު ކެއްސެކެވެ.
މިކަމުގެ އަޑީގައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނަޝީދަށް ވީގޮތުގެ ބަދަލު ހިފުމާއި، ކުރީގެ ރައީސް އިބޫ އަލުން ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވަން އުޅޭތީ ޕާޓީ ތެރޭގައި ފިތުނަ އުފެއްދުން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. ހަމައެއާއެކު، އަބްދުﷲ ޝާހިދާއި ފައިސަލް ނަސީމް ފަދަ ލީޑަރުންގެ ރިޔާސީ އުންމީދުތައް ފުނޑުފުނޑުކޮށްލައި، އެމްޑީޕީ ބައިބައިކޮށް އެއްކޮށް ރޫޅާލުމަށްފަހު ރައީސް ޔާމީނަށް ވެރިކަމުގެ މަގު ކޮށައިދިނުމަކީ ނަޝީދުގެ އަސްލު އެޖެންޑާ ކަމަށް މިހާރު ދަނީ ހާމަވަމުންނެވެ. "ބޮޑު ބަދަލު" ގެ ނިވަލުގައި ހިންގާ މި މަކަރުވެރި ސިޔާސީ ޖަރީމާގެ ސަބަބުން، އެމްޑީޕީ މިއަދު މިވަނީ ސިޔާސީ ކޮޅިގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ.