Ads by Farudhun

ޚަބަރު

ހަގީގީ ސިޔާސީ ބާރުވެރިކަން އަންހެނުންނަށް ހޯދައިދެއްވުމަށް މަސައްކަތްކުރައްވަނީ ރައީސް މުޢިއްޒު: ވަޒީރު ހީނާ

ހަގީގީ ސިޔާސީ ބާރުވެރިކަން އަންހެނުންނަށް ހޯދައިދެއްވުމަށް މަސައްކަތްކުރައްވަނީ ރައީސް މުޢިއްޒު: ވަޒީރު ހީނާ

ވަޒީރު ހީނާ ވަލީދު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 އޯގަސްޓު 2026، 02:20

29 އޯގަސްޓު 2026، 02:20

ހަގީގީ ސިޔާސީ ބާރުވެރިކަން އަންހެނުންނަށް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަނީ ހަމައެކަނި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ހީނާ މިފަދައިން ވިދާޅުވީ، އަންނަ ސެޕްޓެންބަރު މަހުގައި ބާއްވާ ޕީއެންސީގެ ކޮންގްރެސްއަށް އެ ޕާޓީން ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް އެމްއެމްޓީވީން ކުރިއަށްގެންދާ "ޕީއެންސީ ކޮންގްރެސް ފޯރި" ޕްރޮގުރާމުގައި ވާހަކަދައްކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވަނީ، ސިޔާސީ ޕާޓީއެއްގައި އަންހެނުންގެ ހަރަކާތެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްކަން ދެކެވަޑައިގެން ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ޕާޓީގެ ގަވާއިދުގެ ތެރެއިން ރަސްމީގޮތެއްގައި އަންހެނުންގެ ގޮތްޕެއް އުފެއްދެވުމަށް ނިންމަވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ޕީއެންސީގެ ސިޔާސީ މަސައްކަތްތަކުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވަމުން، ކޮންގްރެސްއާ ގުޅިގެން ޕާޓީގެ ތެރޭގައި އަންހެނުންގެ ބައިވެރިވުމާއި ހަރަކާތްތައް އިތުރަށް ފުޅާކުރުމަކީ މައިގަނޑު މަގުސަދު ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އަންހެނުންނަށް ހަގީގީ މާނައިގައި ސިޔާސީ ބާރުވެރިކަން ހޯދައިދިނުމަށް އަމަލީ ގޮތުން މަސައްކަތްޕުޅު ކުރައްވާ ހަމައެކަނި ލީޑަރަކީ ރައީސް ޑރ. މުޢިއްޒު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ހަގީގީ ސިޔާސީ ބާރުވެރިކަން އަންހެނުންނަށް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަނީ އަދުގެ ރައީސް މުއިއްޒު، އެކަން އަޅުގަނޑުމެންނަށް ހާމަވެގެންދާ އެންމެ ބޮޑުކަމަކީ ވަޒީރުންގެ މަޖިލީހުގައި ވެސް އަންހެނުންގެ ހިއްސާ ބޮޑު، ސަރުކާރުގެ ކުންފުނިތަކުގެ އެންމެ މަތީ މަގާމުތަކުގައި ވެސް ގިނަ އަދަދެއްގެ އަންހެނުން އެބަތިއްބެވި، ސިޔާސީ މަގާމުތަކުގައި، ވަޒީރުންގެ ނައިބުކަމުގެ މަގާމުގައިވެސް ގިނަ އަދަދެއްގެ އަންހެނުން އެބަ ތިއްބެވި،" 

ވަޒީރު ވިދާޅުވިއެވެ. 

އަދި މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އުޖޫރަ އެއްހަމަކުރުމަށާއި، ރޯދަ މަހުގެ އިނާޔަތް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. ހަމައެއާއެކު، ޑަބްލިއުޑީސީގެ ރައީސާއިންނަށް ބާރުތައް ދެއްވައިގެން އާންމު ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ބާރުއަޅުއްވާ އެންމެ އިސް ވެރިޔަކީވެސް ރައީސް މުޢިއްޒު ކަމަށް އެކަމަނާ ވިދާޅުވިއެވެ. 

އެހެންކަމުން، މި ކޮމިޓީތައް ހަރުދަނާކޮށް ހިންގުމަށް ޖާގަދެއްވުމަކީ އަންހެނުން ކުރިއެރުވުމަށް އެމަނިކުފާނު ނެންގެވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ހީނާ ސިފަކުރެއްވިއެވެ.

ގައުމުގެ ކުރިމަގު ބައްޓަންކުރުމުގެ މުހިންމު ނިންމުންތަކުގައި ބައިވެރިވެވޭނެ ހިސާބަކަށް އަންހެނުން ގެންދިއުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް ޓަކައި ވަޒީރު ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450